ކ. ތިލަފުށީގައި ވިޔަފާރި ބަނދަރެއް ހެދުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން ވިޔަފާރީގެ ފުރުސަތުތަކާއި ފީސިބިލިޓީ ސްޓަޑީއެއް ހަދައިފި އެވެ.

އޭޑީބީން ބުނީ މިދިޔަ މަހު ދިވެހި ސަރުކާރުން ތިލަފުށީގައި ބަނދަރެއް ހެދުމަށާއި މާލޭ ކޮމާޝަލް ހާބާރު ތަރައްގީކުރަން ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ޓެކްނިކަލް އެސިސްޓެންސް (ޕީޕީޓީއޭ) ހޯދަން މިދިޔަ ޖުލައި މަހު ހުށަހެޅި ކަމަށެވެ. ނަމަވެސް މިދިޔަ އޮގަސްޓް މަހު އެ ބޭންކުގެ މެނޭޖްމަންޓުން ނިންމާފައި ވަނީ ޕީޕީޓީއޭގެ ބަދަލުގައި ކޮމާޝަލް ޑިވެލޮޕްމަންޓް ޓެކްނިކަލް އެސިސްޓެންސް (ސީޑީޓީއޭ) ދިނުމަށް ނިންމާފައިވާ ކަމަށް އެބޭންކުން ބުންޏެވެ.

އޭޑީބީން ބުނީ މާލޭ ކޮމާޝަލް ހާބަރަކީ މިވަގުތު ރާއްޖެ އަށް ގެންނަ މުދާ ބާލާ މައި ބަނދަރު ކަމަށެވެ. އަދި ލަފާކުރެވިފައިވާ ގޮތުން ޓޫރިޒަމާއި އިމާރާތްކުރުމުގެ ދާއިރާކުރިއަރާ މިންވަރަށް ބަލާއިރު ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ކުރިޔަށް އޮތް ވިހި އަހަރު ދުވަހުގެ ތެރޭގައި ތިން ގުނަ އިތުރުވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"އެކަމަކު މާލޭ ކޮމާޝަލް ހާބަރު އޮތްތަނުގެ ގޮތުން މިވަގުތު އެތައް އިތުރަށް ފުޅާކުރެވޭކަށް ނެތް. ނަމަވެސް ވަކިވަކި ކަންތައްތަކެއް ކުރެވިދާނެ. މާލެއަކީ މިހާރު ކުރޫޒް ލައިންތަކެއް ގިނަ އަދަދަކަށް އަންނަ ތަނެއް. އެކަމަކު އެފަދަ ކުރޫޒް ޓާމިނަލެއް ނެތް،" އެ ބޭންކުން ބުނެފައިވެ އެވެ.

އޭޑީބީން ބުނީ ބަނދަރު ތަރައްގީކުރުމުގެ މާސްޓަ ޕްލޭނެއް ހެދުމަށް މިހާރު ކުރަމުން އަންނަ ދިރާސާގައި މާލެއަށް ގެންނަ ކާގޯ ބޭލުން ވަކިކުރުމާއި މާލެ އަށް އަންނަ މީހުން ފައިބާނެ ތަންތަން ވަކިކުރުމުގެ އިތުރުން ތިލަފުށި ބަނދަރު ތަރައްގީކުރާނެ ގޮތުގެ ލަފާ ވެސް ދީފައިވާ ކަމަށެވެ.

އެ ބޭންކުން ލަފާގައި މާލެ ސަރަހައްދުގައި އިތުރު ވިޔަފާރި ބަނދަރެއް ހެދުމުގެ މުހިންމުކަން ފާހަގަކޮށްފައިވެ އެވެ. އަދި ބަނދަރު ތަރައްގީކުރުމަށް ފަހު ފައިސާ ހޯދާނެ ގޮތާއި ވިޔާރިކުރިޔަށްގެންދާނެ ގޮތް ކަނޑައަޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން މަޝްރޫއު ކުރިޔަށް ގެންދާނެ ގޮތާއި ތިލަފުށީގައި ބަނދަރު ހެދުމުގެ ފީސިބިލިޓީ ސްޓަޑީ ވެސް ނިމިފައިވާ ކަމަށް އޭޑީބީން ބުންޏެވެ.

އޭޑީބީން ބުނީ 1998 ވަނަ އަހަރު ވެސް މާލޭ ކޮމާޝަލް ހާބަރު ތަރައްގީކުރަން އެ ބޭންކުން އެހީތެރިކަންދީފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ތިލަފުށީގައި ވިޔަފާރި ބަނދަރު ހެދުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި އެކަމަށް ތިލަފުށީ ފަޅުން 70 ވަރަކަށް ހެކްޓަރު ހާއްސަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އެ ރަށުގައި ގުދަންކުރުމަށް ތިލަފުށި ކޯޕަރޭޝަންގެ 50 ހެކްޓަރުގެ ބިން ހާއްސަކޮށްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.