08 Oct 2013, 14:25
އަންނަ ނޮވެމްބަރު މަހުގެ 15 އިން 17 އަށް ސްރީލަންކާގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ސަމިޓްގައި ބޮއިކޮޓްކުރާނެ ކަމަށް ކެނެޑާއިން ބުނެފި އެވެ.
ކެނެޑާގެ ބޮޑުވަޒީރު ސްޓެފަން ހާޕާ އިއްޔެ ވިދާޅުވި ކަމަށް އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުނީ ސަމިޓް ކެނެޑާ އިން ބޮއިކޮޓް ކުރަނީ އެގައުމުގައި ސްރީލަންކާގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު އަމަލުތަކުގެ ސަބަބުން ކަމަށެވެ.
"ސިޔާސީ ލީޑަރުންނާއި ނޫސްވެރިންނަށް ހުރަސް އަޅެމާއި ހައްޔަރުކުރުމާއި ބައިމަދު ނަސްލުތަކުގެ މީހުންނަށް އިހާނެތިކޮށް ހިތުމާއި މީހުން ގެއްލުމާއި ގާނޫނުން ބޭރުން މީހުން މެރުމުގެ ރިޕޯޓްތަކާ ހެދި އަޅުގަނޑުމެން އަދިވެސް މިތިބީ ކަންބޮޑުވެފައި، " ހާޕާ އިއްޔެ ނެރުއްވި ބަޔާނެއްގައިވާ ކަމަށް ނޫހުގައިވެ އެވެ.
ކޮމަންވެލްތު ސަމިޓް ސްރީލަންކާގައި ބޭއްވުމާ ދެކޮޅު ހެދުމުގެ ގޮތުން އެޖަމާއަތުގެ އެކި ހަރަކާތްތަކަށް ކެނެޑާ އިން ކޮންމެ އަހަރަކު ހަރަދުކުރާ ގާތްގަނޑަކަށް 20 މިލިޔަން ޑޮލަރު ދިނުން ހުއްޓާލަފާނެ ކަމުގެ އިންޒާރު ވެސް ހާޕާ އިއްޔެ ވަނީ ދެއްވާފަ އެވެ.
ސްރީލަންކާގައި ހިންގާފައިވާ ކަމަށް ބުނާ އިންސާނިއްޔަތާ ހިލާފު ކަންތަކާ މެދު އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނަރު ނަވި ޕިއްލޭއާއި އިނގިރޭސިވިލާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސްރީލަންކާ އަށް އުފަން ޕިއްލޭ މިދިޔަ މަހު ވިދާޅުވެފައި ވަނީ ސްރީލަންކާގެ ރައީސް ރާޖަޕަކްޝާ ގެންދަވަނީ ބާރުތައް ޖަމާކުރައްވަމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސްރީލަންކާގެ ވެރިކަމުގެ ނިޒާމު ޚުދުމުޚުތާރު ނިޒާމަކަށް ބަދަލުވެދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.