ބްރެޒިލްގެ އެތްލެޓިކޯ މިނެއިރޯއަށް ކުޅެމުން އަންނަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ ފުޓްބޯޅައިގެ ކެރިއަރު ނިންމާލަން ބޭނުން ވަނީ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ބަދަލުވުމަށްފަހު ކަމަށް އޭނާ ބުނެފި އެވެ.

މީގެ ކުރިން ވެސް ދެ އަހަރު ދުވަހު ޕީއެސްޖީއަށް ކުޅުނު ރޮނާލްޑީނިއޯ ބުނީ، އަދިވެސް ފުޓްބޯޅަ ކުޅުމުގައި ދެމިހުންނަން ބޭނުންވާ ކަމަށާއި ކުޅުން ހުއްޓާލާނީ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު ކަމަށެވެ. އަދި ޕީއެސްޖީއަކީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ކެރިޔާއާ ގުޅިފައިވާ ބޮޑު ކުލަބެއް ކަމަށް ވެސް ރޮނާލްޑީނިއޯ ބުންޏެވެ.

"އަދި ފުޓްބޯޅައިގެ ކެރިއާ ހުއްޓާލާކަށް ނުވޭ. ފުޓްބޯޅައިގެ ކެރިއަރު ހުއްޓާލާނީ ކުރީގެ ކުލަބް ޕީއެސްޖީއަށް ބަދަލުވުމަށްފަހު. އަހަރެން އަބަދު ވެސް ޕީއެސްޖީގައި ކުޅެން ބޭނުން. ވަރަށް އަވަހަށް ޕީއެސްޖީއިން ފެނިދާނެ،" އުމުރުން 33 އަހަރުގެ ރޮނާލްޑީނިއޯ ބުންޏެވެ.

ޕީއެސްޖީގައި ދެއަހަރު ހޭދަކުރުމަށްފަހު ރޮނާލްޑީނިއޯ ދެން ބަދަލުވީ ސްޕެއިންގެ ބާސެލޯނާއަށެވެ. ބާސެލޯނާގައި ރޮނާލްޑީނިއޯ ހޭދަކުރި ދުވަސްތަކަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ހޭދަކުރި އެންމެ ކާމިޔާބު ދުވަސް ވަރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެގޮތުން ބާސާގައި ރޮނާލްޑީނިއޯ ހޭދަކުރި ފަސް ހަރުގެ ތެރޭގައި އޭނަ ވަނީ ޗެމްޕިއަންސް ލީގާއި ސްޕެނިސް ލަލީގާ އެޓީމަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮސްފައެވެ.

ރޮނާލްޑީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް ވެސް 94 މެޗް ކުޅެދީފައެވެ.