އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބު އަލުން ބާއްވާ ކޮންމެ ތާރީހެއްގައި ވޯޓްލާން ތައްޔާރަށް ތިބި ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެމްޑީޕީން ދެން މަސައްކަތް ކުރާނީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އިބޫ މިހެން ވިދާޅުވީ މިއަދު ބޭއްވި އެމްޑީޕީގެ ލީޑަޝިޕްގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެން މައިގަނޑު ތިން ކަމެއް މި ނިންމީ، ފުރަތަމަ ކަމަކީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވާ ކޮންމެ ތާރީހެއްގައި ވޯޓްލާން ތައްޔާރަށް އަޅުގަނޑުމެން ތިބުން، ދެވަނަ ކަމަކީ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ފުރަތަމަ ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޓަކައި އެމްޑީޕީން މިރޭ ކެމްޕޭން ކުރަން ފަށާނެ ކަމަށެވެ.

ބައްދަލުވުމުގައި ނިންމި ތިން ވަނަ ނިންމުމެއް ކަމަށް އޭނާ ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް މިހާރު ރާއްޖޭގައި މިއޮތް ވެރިކަން ނިމޭނެ ކަމަށް ގަބޫލުކުރުން ކަމަށެވެ. އެގޮތުން އޭގެ ފަހުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެއީ ވެރިއެއްގެ ގޮތުގައި އެމްޑީޕީން ބަލައި ނުގަންނާނެ ކަމަށެވެ.

"ތިން ވަނަ ކަމަކީ ނޮވެމްބަރު 11 އާ ހިސާބަށް ވަހީދުގެ ދައުރު، މިހާރު މިއޮތް ވެރިކަމުގެ ދައުރު ނިމޭނެ ކަމަށް ގަބޫލުކުރުން." އިބޫ ވިދާޅުވި އެވެ.