08 Oct 2013, 13:31
ކުލަބް ވެލެންސިއާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދުގެ ކަންކަން ހުންނަ ގޮތުން އެ ކުލަބުގެ އެސިސްޓެންޓް ކޯޗު އަސްލަމް އަބުދުއްރަހީމް ރާއީއަށް ފާޑު ކިޔައިފި އެވެ.
އަސްލަމް ރާއީއަށް ފާޑުވިދާޅުވެ އޭނަގެ އަމިއްލަ އެފްބީ ސްޓޭޓަސްގައި ލިޔެފައި ވަނީ، ވެލެންސިޔާ ހަލާކު ކޮށްލީ ޗެއާމަން ރާއީ ރަޝީދު ކަމަށެވެ.
"ވެލެންސިއާގެ ޗެއާމަން ރާއީ ރަޝީދު އަހަންނަށް ވެލެންސިއާއިން ދޭންޖެހޭ ލާރިއެއް ނޯންނާނެ ކަމަށާއި އަދި އަހަރެން ވެލެންސިއާގެ ޗެއާމަން އަތުން އިތުރަށް ލާރި ނަގާފައިވާ ކަމަށް ބުނުމުން ވަރަށް ހައިރާންވެއްޖެ. ދޮގުހަދަން ވެސްތީ ތަންކޮޅެއް ބޮޑުވަރު،" އަސްލަމް ލިޔެފައިވެ އެވެ.
ނަން ހާމަ ކުރަން ބޭނުން ނުވާ ވެލެންސިޔާގެ ކުޅުންތެރިއަކު ބުނީ، ރާއީ އަކީ "ވެރިއެއްގެ" ލަގަބް ދޭ ވަރުގެ މީހެއް ނޫން ކަމަށާއި މިހާރުވެސް ކުލަބުގެ ގިނަ ކުޅުންތެރިން ތިބީ ރާއީގެ އުދަގުލާ ހެދި މުސާރަ ނުލިބި ކަމަށެވެ.
"ފައިސާ ހޯދުމަށް ތަކުރާރުކޮށް ޗެއާމަން އަށް ގުޅުމުން ފޯނަށް އެއްގޮތަކަށް ވެސް ޖަވާބު ނުދޭ. އެސްއެމްއެސް ކުރީމާ ވެސް އެއަށް ވެސް އެއް ވެސް ޖަވާބެއް ރާއީ ނުދެ. ދެން އެވަރުމީހުންނަކީ ޗެއާމަނުންތައް،" ވެލެންސިޔާއަށް ކުޅެމުން އަންނަ ކުޅުންތެރިއަކު ބުންޏެވެ.
އެކަމާގުޅިގެން ވެލެންސިއާގެ ޗެއާމަން ރާއީގެ ބަހެއް ހޯދާލުމަށް "ސަން"އިން ގުޅާލުމުން، ފޯނަށް ޖަވާބު ދީފައި ނުވާތީ އެކަމުގެ އަސްލު މައުލޫމާތު ވަނީ ސާފުވާގޮތް ނުވެފަ އެވެ.
މިއަހަރުގެ ސީޒަންގައި ވެލެންސިޔާއަށް ކުޅުނު މުހިންމު ހަތް ކުޅުންތެރިއަކު މިހާރު ވަނީ އެކުލަބު ދޫކޮށް ގޮސްފަ އެވެ. އެކުޅުން ތެރިން ވެލެންސިޔާ ދޫކޮށް ދިޔައީ ވެސް ފައިސާގެ މައްސަލަތަކުގެ އިތުރަށް މެނޭޖްމަންޓާ ހިތްހަމަނުޖެހިގެންނެވެ. މީގެ އިތުރުން މެނޭޖަރު މުހައްމަދު ޝާފީ އިސްތިއުފާ ދިނީ ޗެއާމަން ރާއީގެ ބަހާއި އަމަލު ދިމާނުވާކަމަށް ބުނެފަ އެވެ.
ވެލެންސިއާ ތެރޭގައި މުސާރާގެ މައްސަލަ އަދިވެސް އުޅޭ ކަމަށް އެ ކްލަބުގެ އިސް އޮފިޝަލަކު ވެސް މިއަދު ވަނީ ސަންއަށް ޔަގީން ކޮށްދީފަ އެވެ.