އިންޑިއާގެ ޓޫރިޒަމް މަންޒިލަކަށް ހެދުމަށް އޮން އެރައިވަލް ވިސާގެ ހިދުމަތް އިތުރު ގައުމުތަކަކަށް ހުޅުވާލާ، އޮންލައިކޮށް ވިސާ ހަމަޖެހޭނެ ގޮތެއް ހެދުމަށް ނިންމައިފި އެވެ.

އިންޑިއާގެ ނިއުސް އެޖެންސީއެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް އެގައުމުގެ ޕްލޭނިން މިނިސްޓަރު ރަޖީވް ޝުކްލާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އިންޑިއާ ފަތުރުވެރިންގެ މަންޒިލަކަށް ހެދުމަށް މިއަދު އެ ގައުމުގެ ޕްލޭނިން ކޮމިޝަންގެ ފަރާތުން މަޝްވަރާކުރުމަށް ފަހު އިތުރު 40 ގައުމަކަށް އޮން އެރައިވަލް ވިސާގެ ހިދުމަތް ދޭން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމީ ގައުމުގެ އެކައުންޓް ޑެފިސިޓް އިތުރުވަމުން އަންނާތީ ފޮރިން އެކްސްޗޭންޖް އިތުރުކުރުމަށް ކަމަށް ވެސް ޝުކްލާ ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ޕްލޭނިން ކޮމިޝަންގެ އިސްވެރިން ބައިވެރިވެފައިވެ އެވެ. އެ ކޮމިޝަންގެ ޑެޕިއުޓީ ޗެއާމަން، މޮންޓެކް ސިންގް އަހްލުވާލިއާ އާއި ފޮރިން ސެކްރެޓަރީ ޝުޖާތާ ސިންގާއި ޓުއަރިޒަމް ސެކްރެޓަރީ ޕާވެޒް ދެވަން އާއި ޕްރައިމް މިނިސްޓަރީގެ އިސް އޮފިޝަލުންވަނީ ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ބައްދަލުވުމުގައި އޮން އެރަވައިލް ވިސާގެ ހިދުމަތް ދިނުމަށް ނިންމާފައިވާ ގިނަ ގައުމު ތަކުގައި ހިމެނެނީ ޔޫރަޕްގެ ގައުމުތަކެވެ. އެގޮތުން އެ ހިދުމަތް އެމެރިކާ، އިނގިރޭސި ވިލާތް، ކެނެޑާ، ޖަރުމަން ފްރާންސް، އިޓަލީ ފަދަ ގައުމުތަށް ދިނުމަށް ނިންމާފައިވާއިރު ލިސްޓުގައި ބްރެޒިލް، އޮސްޓްރޭލިއާ، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތައްވެސް ހިމެނެއެވެ.

އިންޑިއާގެ ވެރިރަށް މުމްބާއީ އަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިއާ އިން ވަނީ އޮން އެރައިވަލް ވިސާ ދޫކުރާ އުސޫލު ހަރުކަށި ކޮށްފަ އެވެ.

ކަމާއި ބެހޭ މާހިރުން ބުނީ ސަރުކާރުގެ މި ނިންމުމާއި އެކު ގައުމުގެ ޑެފިސިޓު ދަށްކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި މިއަހަރު އިންޑިއާގެ ކަރަންޓް އެކައުންޓް ޑެފިސިޓް (ސީއޭޑީ) އުޅެނީ 80.2 ބިލިއަން ޑޮލަރުގަ އެވެ. އަދި ސަރުކާރުން އެ ނިންމި ނިންމުމާއި އެކު އެދަދު 70 ބިލިއަން ޑޮލަރަށް ތިރިވެގެންދާނެ ކަމަށް ބެލެވެ އެވެ.

އިންޑިއާ ފަތުރުވެރިންގެ މަންޒިލަކަށް ހެދުމަށް ނިންމާފައިވާ އިރު 2012 ވަނަ އަހަރު ފަތުރުވެރިކަމުން އިންޑިއާގެ އިގްތިސާދަށްވަނީ 17.74 ބިލިއަން ޑޮލަރު ވަދެފަ އެވެ. އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ފަތުރުވެރިކަމުން އިންޑިއާށް ލިބިފައިވަނީ 12 ބިލިއަން ޑޮލަރެވެ.