ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ރޭ ބާތިލްކުރުމާ ގުޅިގެން އަލުން އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ސަންއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަލުން އިންތިހާބު ބޭއްވުމަށް ހަރަދުވާނެ މިންވަރެއް އެނގޭނީ އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެންނަށް އަދި ނޭނގެ ކިހާވަރެއް ކަމެއް ހަރަދުވާނީ. ކޮންމެ ގޮތެއް ވިޔަސް އިންތިހާބު ބޭއްވުމަށް ފައިސާ ހޯދަން ޖެހޭނެ. އެއީ އެހެން ކަންތައްތައް މިވަގުތަށް މަޑުޖައްސާލައިގެން ނަމަވެސް،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންތިހާބާ ކަންތައްތައް ހަމަޖައްސަން 72 ގަޑިއިރު ދެއްވާފައިވާ ކަމަށެވެ. އެހެން ކަމުން އިންތިހާބަށް ހަރަދުވާނެ މިންވަރެއް ކަނޑައެޅުމަށް ފަހު އެކަން ހަމަޖެހިގެންދާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށާއި ދެވަނަ ބުރަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ކުރި ހަރަދުތަކަށް ފައިސާ ދެވެން ނެތް ކަމަށެވެ.