އިލެކްޝަންސް ކޮމިޝަނުން ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ފަޔާޒު ހަސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދު ބައްދަލުކުރައްވައިފި އެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ދައުލަތުގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވެސް ބައިވެރިވެވަޑައިގަތެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ބައްދަލުވުން ބައިގަޑި އިރަށް ދެމިގެން ދިޔަ އެވެ. ނަމަވެސް އެ ބައްދަލު ކުރެއްވުމުގައި ދެއްކެވީ ކޮން ވާހަކައެއް ކަމެއް ނޭނގެ އެވެ.

ފުއާދާއި ފަޔާޒު އެ ބައްދަލު ކުރެއްވުމަށް ފަހު ރައީސް އޮފީހުން ނުކުމެ ވަޑައިގަތް ވަގުތު މީޑިއާ އިން ސުވާލު ދެންނެވުމުން އެއްވެސް ޖަބާބެއް ނުދެއްވައި ވަޑައިގަތީ އެވެ.

ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމުގައި ބުނީ އެ ހުކުމް ކުރިތާ 72 ގަޑި އިރުގެ ތެރޭގައި އެ ހުކުމްގައި ކަނޑައަޅާފައިވާ ގައިޑުލައިންތަކާ ދޭތެރޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ އެކު މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ރޭ ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ ފުރަތަމަ ބުރުގެ ވޯޓުގައި 5623 ވޯޓުގެ އޮޅުވާލުންތަކެއް ހުރިކަމަށް ސާބިތުވެގެންނެވެ.

ރޭގެ ހުކުމުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ގައިޑުލައިނާ އެއް ގޮތަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަލުން މި މަހު 20ގެ ކުރިން ބާއްވައި އަދި ދެ ވަނަ ބުރު އަންނަ މަހުގެ ތިނެއްގެ ކުރިން ބާއްވަން ޖެހޭނެ ކަމަށެވެ.

ރޭގެ ހުކުމުގައި ބުނެފައި ވަނީ އިންތިޚާބާ ގުޅޭ މަސައްކަތްތައް ގާނޫނު އަސާސީ ބުނާ މުއްދަތުގައި ގާނޫނާ ޚިލާފަށްކޮށްފި ނަމަ އެކަންކަން ރަނގަޅު ކުރުމަށް އިތުރު މުއްދަތު ބޭނުންވާނެ ކަމަށެވެ. އަދި އެ ހުކުމްގައި ބުނެފައި ވަނީ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް ރައީސަކު އިންތިޚާބު ނުކުރެވުމަކީ އެއީ މިހާރު ހިނގަމުންދާ ގާނޫނީ ސަރުކާރަށް ނިމުމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ ސަރުކާރު ވެސް ދެ މި އޮންނާނީ މާބޮޑަށް ދިގުލައިގެން ނުދާނެ ގޮތަކަށް ކަމަށެވެ.