ރާއްޖޭގައި ކުރިއަރަމުން އަންނަ ރެފްރީންގެ ތެރެއިން އެއް ރެފްރީ ކަމަށްވާ އަހްމަދު ޝީފާން އަބްދުއްރަހީމް އަށް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) އެލީޓް ރެފްރީސް ގްރޫޕަށް ވާދަކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރެފްރީސް ޑައިރެކްޓަރ އިސްމާއީލް އިޒްހާން "ސަން"އަށް ވިދާޅުވީ، މެލޭޝިއާގައި މިމަހު 23 އިން 27 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭއެފްސީ ޑިވެލޮޕްމެންޓް ގްރޫޕް ރެފްރީސް ކޯސް 2013ގައި ބައިވެރިވުމުގެ ފުރުސަތު ޝިފާންއަށް ލިބިފައިވާ ކަމަށާއި އަދި އެކޯހުން ފާސްވެއްޖެ ނަމަ އޭނާއަށް އޭއެފްސީ މެޗްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ތަނަވަސްވާނޭ ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ ރެފްރީންނަށް މިފަދަ ފުރުސަތުތައް ލިބުމަކީ އަޅުގަނޑުމެންގެ ރެފްރީން ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއް،" އިޒްހާން ވިދާޅުވި އެވެ.

ޝިފާންއަށް އޭއެފްސީ ޑިވެލޮޕްމަންޓް ރެފްރީސް ގްރޫޕް ކޯހުން ފުރުސަތު ލިބުނީ އޭނާ ރާއްޖޭގައި ރެފްރީކަންކުރި ދެ މެޗެއް އޭއެފްސީގެ ރެފްރީސް އެސެސްމަންޓް ޕެނަލަކުން ބަލައި އެކަމަށް އޭނާ ޝަރުތު ފުރިހަމަވާ ކަމަށް ނިންމުމުންނެވެ.

"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ މިފަދަ ފުރުސަތެއް ލިބުނީމަ. މި ކޯހުން ފާސްވެއްޖިއްޔާ ވަރަށް އުފާވާނެ. އަދި އެކަމަށް ވަރަށް މަސައްކަތް ކުރާނަން،" ޝިފާން "ސަން"އަށް ކިޔައިދިނެވެ. "މިހާރު އަސްލު ބޮޑުބައި މިއޮތީ ރާއްޖޭގައި ނިމިފައި. އަޅުގަނޑު ރެފްރީކަން ކުރި ދެ މެޗެއް އޭއެފްސީގެ އެސެސްމަންޓް ޕެނަލަކުން ބަލައި ފާސްވުމުން ފުރުސަތު މި ލިބުނީ. ދެން މިއޮތީ ތިއަރީއާއި ފިޓްނަސް. މިއީ ވަރަށް ޓަފް ޗެލެންޖެއް."

ރާއްޖޭގައި މީގެ ކުރިން ހުރި އެލީޓް ރެފްރީއަކީ އަލީ ސަލީމް އެވެ. އަދި އޭނާގެ އެސިސްޓެންޓުންގެ ގޮތުގައި ތިބީ އަހުމަދު އަމީޒާއި އިބްރާހިމް ތައުފީގް (ޑޯނާ) އެވެ.