08 Oct 2013, 11:38
ވިކްޓަރީ ސްޕޯޓްސް ކުލަބަށް އެންމެ ފަހުން ކޯޗް ކޮށްދިން ސްލޮވާކިޔާގެ ކޯޗް ވަލްޑަމީރު ގޮފާއަށް އެކުލަބުން ދޭން ޖެހޭ މުސާރަ އަދިވެސް ނުދީ އޮތުމުން އަނެއްކާވެސް އޭނަ ޝަކުވާކޮށްފި އެވެ.
ސްލޮވާކިޔާގައި ހުރެ ސަންއާ ވާހަކަ ދައްކަމުން ކޯޗް ގޮފާ ބުނީ، ވިކްޓަރީން ދޭން ޖެހޭ ތިން މަހުގެ މުސާރަ ނުދީ އަދި ވެސް އެބޮތް ކަމަށާއި ކުލަބް ދޫކޮށް އެނބުރި ގައުމަށް އަންނަން ޖެހުނީ ވެސް މުސާރަ ނުދީ ހިފެހެއްޓުމުން ކަމަށެވެ.
އޭނާ ބުނީ ވިކްޓަރީ އަށް ކޯޗް ކޮށްދިން ދުވަސްތަކުގައި މުސާރަ ނުލިބި އޮތީ ޖޫން ޖުލައި އަދި އޮގަސްޓް މަހުގެ މުސާރަ ކަމަށާއި އެ ތިން މަހަށް ދޭން ޖެހޭ މުސާރާގެ ޖުމްލަ އަދަދަކީ 7500 ޑޮލަރު (115،650ރުފިޔާ) ކަމަށެވެ.
"އަހަރެން ވިކްޓަރީގެ ކޯޗް ކަމުން ވެކިވެ އަމިއްލަ ގައުމަށް އައީވެސް މުސާރަ ނުދޭތީ. ވިކްޓަރީން އަހަންނަށް ދޭން ޖެހޭ ތިން މަހުގެ މުސާރާ އަދިވެސް އެބޮތް. އެކަމަކު އަހަރެން މާލެއިން ފުރީ ތިން މަހުގެ މުސާރަ ސެޕްޓެމްބަރު މަހު ދޭން ވިކްޓަރީން އެއްބަސްވުމުން. މިއަދާ ހަމައަށް އާއިރުވެސް އަދިވެސް އެފައިސާއެއް ނުލިބެ"ނިއު އާއި ހުރައަށް ދިވެހި ލީގު ކާމިޔާބުކޮށްދީ މި އަހަރު ވިކްޓަރީ ރެލިގޭޝަނުން ސަލާމަތްކޮށްދިން ގޮފާ ބުންޏެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަމުން "ވަރަށް އަސަރާ އެކު" ގޮފާ ބުނީ، ވިކްޓަރީގެ މެނޭޖްމަންޓުން ހަދަނީ ހުސްދޮގު ކަމަށާއި އަބަދުވެސް ލިބޭ ޖަވާބަކީ "މަދަމާ ހަމަޖެހޭނެ،" ކަމަށެވެ.
"ދުވަހަކު ވެސް މާދަމާއެއް ނާދޭ. މުޅިން ހަދަނީ ދޮގު. އަހަރެން ފޮނުވާ އެސްއެމްއެސްތަކަށް ވިކްޓަރީން ޖަވާބެއް ނުދޭ. އަހަރެން މިކަމާ ހިތާމަ ކުރަން. މި މައްސަލަ ފީފާ އަށް ފޮނުވަން އަހަރެން ވަނީ ނިންމާފައި." ގޮފާ ބުންޏެވެ.
މިކަމާ ގުޅިގެން ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދުއަށް ސަންއިން ގުޅާލުމުން އެބޭ ފުޅާގެ ފޯނު ނިއްވާލާފައި އޮތުމުން ވަނީ ކޮމަންޓެއް ލިބޭ ގޮތް ނުވެފައެވެ.