ސީޒަނުގެ ބާކީ އޮތް ޕްރެޒިޑެންޓްސް ކަޕަށް އާ ކޯޗެއް ހޯދުމުގެ ވިސްނުމެއް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ނުގެންގުޅޭ ކަމަށް އެކުލަބުން ނިންމައިފި އެވެ.

ނިއުގެ ބޯޑު މެންބަރުގެ މެދުގައި ރޭ ބޭއްވި މަސްވަރާ ބައްދަލުވުމަށް ފަހު އެގޮތަށް އެކުލަބުން ނިންމީ ސީޒަންގައި ބާކީ އެންމެ މުބާރާތެއް އޮތުމުން، އެކުލަބުގައި މިވަގު ވެސް ދެ ކޯޗުން ތިބުމުން ކަމަށެވެ.

ނިއުގެ އިސް އޮފިޝަލަކު މިއަދު ސަން އޮންލައިނާ ވަހަކަ ދައްކަމުން ބުނީ، ކޯޗު ވެލިޒާ ޕޮޕޯފް މަގާމުން ވަކިވެފައިވާތީވެ ކުލަބުގެ ބޯޑުމެންބަރުން ރޭ ބައްދަލުކުރި ކަމަށާއި އެބައްދަލުވުމުގައި ކުލަބުގެ ކޯޗުންނަށް ހަމަޖައްސާފައި ވަނީ މިސީޒަންގައި އެކުލަބުގެ އެސިސްޓެންޓް ކޯޗުން ގޮތުގައި ގުޅުނު މުހައްމަދު އިގްބާލާއި ތޮއްޑޫ މުހައްމަދު ނިޒާމާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ.

ނިއުގެ ހެޑްކޯޗް ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް އެކުލަބުގެ ކޯޗް ކަމުން ވަކިވެފައި ވަނީ އޮމާންގެ ޓީމަކުން އޭނަ އަށް ލިބުނު ފުރުސަތަކާއެކު އެވެ. އެހެން ކަމުން ޕޮޕޯފް އިއްޔެ ވަނީ އޮމާނަށް ދިއުމަށް ފުރައިފަ އެވެ.

ޕްރެޒިޑެންޓްސް ކަޕަކީ މި އަހަރުގެ ސީޒަނުގެ ފަހު މުބާރާތެވެ. މިމުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ނިއުއާއި ދެކޮޅަށް ނިކުންނާނީ އެ ކުލަބާ މިހާރު އެންމެ ވާދަވެރި މާޒިޔާ އެވެ.

ޖުމުލަ ހަތަރު މެޗު ކުޅޭ މި މުބާރާތް ނިއުއިން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް އަންނަ އަހަރު ތަށި މިލްކުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ނިއު ވަނީ މި އަހަރު ބަލިނުވެ ޗެރިޓީ ޝީލްޑާއި ދިވެހި ލީގު އަދި އެފްއޭކަޕް ހޯދައިފަ އެވެ.