27 Nov 2010, 17:54
މަންމަޔާއި ބައްޕަ 13 އަހަރުވަންދެން އަނިޔާ ކުރަމުންދާ ކަމަށް ބުނާ އަންހެން ކުއްޖެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަންފަށައިފި އެވެ.
"އުމުރުން ހަތަރު އަހަރުން ފެށިގެން އޭނާ އަށް އަނިޔާ ކުރަމުންދޭ. ގައިގެ އެތަންމިތަނުގައި ތެޅުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުން ވެސް އޭގެ އަސަރު ފެންނަން ހުރޭ. އެ އަންހެން ކުއްޖާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް އަނިޔާކުރޭ. ކިޔެވުމުން މަހުރޫމްކޮށްފައިވާ 17 އަހަރުގެ އަންހެންކުއްޖާ އަދިވެސް ތަހަންމަލް ކުރަމުންދަނީ އެ ވޭނާއި ހިތާމަ. އެ ކުއްޖާގެ މަންމަޔާއި ބައްޕަ އޭނާއާ މެދު އެފަދަ ނޭނގާނީ އަމަލުތަކެއް ހިންގަމުންދާ ސަބަބު ހަމަ އެއްވެސް ގޮތަކަށް ނޭނގޭ." އެ އަންހެން ކުއްޖާއާ އާއިލީގޮތުން ގުޅުން އޮންނަ މީހަކު ސަން އޮންލައިނަށް ކިޔައިދިނެވެ.
މިއަދުވެސް އެފަދަ އަނިޔާތަކެއް އޭނާ އަށް ލިބެމުންދަނިކޮށް ފުލުހުން އެ ގެއަށް ގޮސްގެން އުޅޭ ކަމަށް ސަން އޮންލައިނަށް މައުލޫމާތު ލިބުނެވެ. ސަން އޮންލައިގެ ނޫސްވެރިން އެ ގެއަށް ދިޔައިރު، ފުލުހުންނަށް މައުލޫމާތު ދިނުމަށް އެ ކުއްޖާ އިންކާރު ކުރަނީ އެވެ. ފުރާވަރުގެ އެ އަންހެން ކުއްޖާގެ މޫނުގެ އެކި ހިސާބުތައް ވަނީ ރަތްވެފަ އެވެ. ލޮލާ ދިމާލުން ވެސް ވަނީ ދުޅަވެފަ އެވެ. އެ އަނިޔާތަކަކީ ކޮން ބައެއްގެ ފަރާތުން ލިބުނު އަނިޔާތަކެއްތޯ ސަން އޮންލައިންގެ ނޫސްވެރިއަކު އެ ކުއްޖާ ކައިރީ ސުވާލު ކުރުމުން އޭނާ ބުންޏެވެ. "އެއްވެސް ބަޔަކަށް ކިޔާދޭކަށް ބޭނުމެއް ނުވޭ" ނަފްސާނީ ގޮތުން އަނިޔާލިބިފައިވާ ހުރި އެ ކުއްޖާ ފެންކަޅިވެފައި ހުރެ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލާގައި ފުލުހުންނަށް މައުލޫމާތު ދިނުމަށް އެ ކުއްޖާ ބިރުގަންނަ ނަމަވެސް ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރާނެ ކަމަށެވެ.
"ސުވާލު ކުރަން ޖެހޭ ފަރާތްތަކާ އަޅުގަނޑުމެން ސުވާލު ވެސް ކުރާނަން. އެފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރުމުން ތަހުގީގުތައް މެދުކެނޑުމެންނެތި ކުރިއަށް ގެންދާނަން." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މާލެއަށް އުފަން އެ ކުއްޖާގެ މިހާރުގެ ހާލަތު ބަޔާންކޮށް، ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެ އަންހެން ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހަކު ސަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ އޭނާ ފުލުހުންނަށް މައުލޫމާތު ދޭން ބިރު ގަންނަނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ. " އޭނާ ރޮއެ، ގިސްލާފައި އެވާހަކަތައް އަހަންނަށް ކިޔައިދެނީ. އެ ކުއްޖާ ބުނީ މަންމަ ވެސް އަދި ބައްޕަ ވެސް އޭނާގެ ގައިގެ އެތަން މިތަނުގައި ވަރަށް ބާރަށް ތަފާތު އެއްޗެހިން ތަޅާ[ވާހަކަ]. އޭނާއާ އެކު އެ ކުއްޖާ އެ ވާހަކަތައް ހިއްސާކޮށްފައިވާ ކަމަށް ސަން އޮންލައިނަށް މައުލޫމާތު ދިނެވެ.
"މީގެ ކުރިން ވެސް އޭނާ ފުލުސް އޮފީހަށް ގެންދިޔަ. ހަމަ އެވާހަކަތައް ކިޔައިދިނީ. ނަމަވެސް އަނެއްކާ ވެސް އެ ވާހަކަތައް އޭނާ ދައްކައިފި ނަމަ ހަމަ ވަންނަން އޮތީ އޭނާގެ މަންމަ އާއި ބައްޕަ ދިރިއުޅޭ ގެއަށް. އެ ގެއަށް ވަނުމުން އަނެއްކާ ވެސް ލިބޭނީ ކުރިން ލިބުނު އަނިޔާތަކަށް ވުރެ ބޮޑެތި އަނިޔާތަކެއް." އެ އަންހެން ކުއްޖާއާ އާއިލީގޮތުން ގުޅުން އޮންނަ މީހަކު ސަން އޮންލައިނަށް ކިޔައިދިނެވެ.
އޭނާ ބުނީ އުމުރުން 17 އަހަރުވެފައިވާ އެ އަންހެން ކުއްޖާ ކިޔެވުމުން ވެސް މަހުރޫމްކޮށްފައިވާ ކަމަށެވެ. ކުޑަ އިރު ސްކޫލަށް ވެސް ފޮނުވި ކަމަށާއި އޭރު ވެސް އެ ކުއްޖާ ސްކޫލަށް ގެންދަނީ ދެ ދުވަހުން އެއްދުވަހު ކަމަށެވެ. އަދި ފަހުން އެއްވެސް ގޮތަކަށް ސްކޫލަށް ނޮފޮނުވައި ގޭގައި ބައިންދާފައި އިން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ އެ މައްސަލަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށެވެ.