08 Oct 2013, 10:59
ދެ ހާސް އަށް ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރާއްޖެ އަށް ރަން މެޑެލް ހޯދައިދިން ދިވެހި ގައުމީ ފުޓްބޯޅަ މުބާރާތުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރެއިން މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ހަނދާނީ ލިޔުން އެރުވިފައިނުވާ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ހަނދާނީ ލިޔުން ދެއްވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން އެރުވުނު ކުޅުންތެރިންނަކީ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދު އާއި ޑިފެންޑަރު މުހަންމަދު ސިފާން އާއި މިޑްފީލްޑަރު މުހައްމަދު އާރިފް އާއި ޑިފެންޑަރު އަކްރަމް އަބްދުލްގަނީ އެވެ. އަދި ހަނދާނީ ލިޔުން އެރުވުނު ގައުމީ އޮފިޝަލުންނަކީ ޑޮކްޓަރު އަހުމަދު ޝަކީބް އާއި ހަސަން ނިޒާރު އަހުމަދު (ބޮޑޭ) އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ޓީމުގެ ކުޅުންތެރިންނަށް ހަނދާނީ ލިޔުން އޭރު އެރުވިފައި ނުވަނީ، މި އަހަރު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ގައުމީ ޓީމުގެ ކުޅުންތެރިން ޓްރޭނިން ކޭމްޕެއްގައި ތައިލެންޑަށް ދިޔުމާ ގުޅިގެންނެވެ.