ބާލީ (އޮކްޓޯބަރ 8): އަލްގާއިދާއަށް ނިސްބަތްވާ ކަމަށް އެމެރިކާ ތުހުމަތުކުރާ ލީބިޔާގެ ރައްޔިތެއް ކަމަށްވާ އަބޫ އަނަސް އައްލީބީ ހައްޔަރު ކުރުމަށް ލީބިޔާ ސަރުކާރުގެ ހުއްދައަކާ ނުލައި އެގައުމުގައި އެމެރިކާ ހިންގާފައި ވަނީ ގާނޫނީ ގޮތުން ހުއްދަ އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ސިފަކުރައްވައިފި އެވެ.

އިންޑޮނީޝިޔާގެ ބާލީ ކުރިޔަށްދާ އޭޕެކްގެ ސަމިޓްގެ އަރިމަތީގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ކެރީ ވިދާޅުވީ އަބޫ އަނަސް ހައްޔަރު ކުރުމަށް ޓަކައި ލީބިޔާގެ އެތެރޭގައި އެމެރިކާ ހިންގި އޮޕަރޭޝަނާ ބެހޭ މައުލޫމާތު އެކަން ތަންފީޒުކުރުމުގެ ކުރިން ލީބިޔާ ސަރުކާރާ ހިއްސާކޮށްފައިނުވާނެ ކަމުގަ އެވެ. ލީބިޔާ ސަރުކާރާ މިކަން ހިއްސާނުކުރީ މިބާވަތުގެ ސިއްރު އޮޕަރޭޝަންތައް ގައުމުތަކުގައި ހިންގުމުގައި އެމެރިކާ އަމަލުކުރަމުން ގެންދާ ބީދައިން ކަމަށާ މިގޮތުން އުސާމާބިންލާދިން މަރާލުމަށް ޕާކިސްތާނުގައި އެމެރިކާ ހިންގި އަސްކަރީ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ވެސް އެކަން ތަންފީޒު ކުރުމުގެ ކުރިން ޕާކިސްތާން ސަރުކާރާ ހިއްސާކޮށްފައިނުވާ މައްސަލަ އަށް ކެރީ އިޝާރާތް ކުރެއްވި އެވެ.
އަލްގާއިދާ އަށް ނިސްބަތްވާ ކަމަށް އެމެރިކާ ތުހުމަތުކުރާ ލީބިޔާގެ ރައްޔިތެއް ކަމަށްވާއަބޫ އަނަސް އައްލީބީ، އަތުލައި ގަތުމަށް އެމެރިކާގެ ކޮމާންޑޯސްގެ ޚާއްސަ ގްރޫޕެއް ލީބިޔާ އަށް ވަދެގަނެ އަބޫއަނަސް ވަގަށްނަގައިގެން ގެންދިޔުމަށް ވެރިރަށް ޓްރިޕޮލީގައި އެ ގްރޫޕުން ހަރަކާތްތެރިވި މަންޒަރު ވަނީ އޭނާގެ އަންހެނުންނަށާއި އޭނާގެ އެއްބަނޑު އެއްބަފާ މީހަކަށް ފެނިފަ އެވެ.

އެދެ މީހުންގެ ތެރެއިން އަބޫއަނަސްގެ އެއްބަނޑު އެއްބަފާ މީހެއް ކަމަށްވާ ނަބީހު ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފަތިސް ނަމާދުކޮށްގެން އަބޫއަނަސް ކާރުގައި އޭނާގެ ގޭގެ ކައިރިއަށް އައިސް މަޑުކޮށްލުމާ އެކު ތިން ކާރެއްގައި އައި ބަޔަކު އޭނާގެ ކާރު ވަށާލުމަށް ފަހު އަބޫއަނަސްގެ އަތުގައިވާ ހަތިޔާރާ އެކު ގަދަބާރުން އޭނާ ކާރުން ނެރުމަށް ފަހު އެމީހުން އައި ކާރުތަކުގެ ތެރެއިން ކާރަކަށް އޭނާ އެރުވުމަށް ފަހު އަވަސްގޮތަކަށް އޭނާ ގޮވައިގެން ފިލީ އެވެ.
އަބޫ އަނަސް ހައްޔަރު ކުރުމަށް ކަމަށްބުނެ ތަރާބްލްސްގައި މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާ ހިންގާފައިވާ ޢަސްކަރީ އޮޕަރޭޝަނަކީ މީހުން ވަގަށް ނެގުމާއި ހައިޖެކް ކުރުމުގެ ނުރައްކާތެރި އަމަލެއްގެ އިތުރުން މިއީ ލީބިޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަށް އެމެރިކާ ހިންގި ޣައިރު ގާނޫނީ އަމަލެއް ކަމަށް ލީބިޔާގެ ބައެއް ޖަމާއަތްތަކުންނާއި އެގައުމުގެ ރައްޔިތުންގެ ގިނަ ބަޔަކު ގެންދަނީ ސިފަކުރަމުންނެވެ. ލީބިޔާގެ މިނިވަން ކަމާއި ސިޔާދަތަށް ގަސްދުގައި އެމެރިކާ އަރައިގަތް މިމައްސަލާގައި ލީބިޔާގެ ރައްޔިތުންގެ މެދުގައި އެމެރިކާއާ އިދިކޮޅު ޝުޢޫރުތައް ވަނީ ވަރަށްބޮޑަށް ހިލިގެންފައި ކަމަށް މުރާސިލުން ބުނެ އެވެ.

މިމައްސަލައާ ގުޅިގެން ލީބިޔާ ސަރުކާރުން ވަނީ އަބޫ އަނަސް ހައްޔަރު ކުރުމުގެ ނަމުގައި ތަރާބްލްގައި މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު އެމެރިކާ ހިންގާފައިވާ ޢަސްކަރީ އޮޕަރޭޝަނާ ބެހޭ މައުލޫމާތާއި އެކަންކުރަންޖެހުނު ސަބަބު ބަޔާންކޮށް ދިނުމަށް އެމެރިކާގެ ކިބައިން އެދިފަ އެވެ. އެމެރިކާގެ ކޮމާންޑޯސް އިންގެ ބަޔަކު ތަރާބްލްސްގައި އަބޫ އަނަސް ހައްޔަރު ކުރުމަށް ފަހު އޭނާ ލީބިޔާ އިން ބޭރަށް ގެންގޮސްފައިވާކަން އެމެރިކާ ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެފްބީއައި އިން އަނަސް އާ ސުވާލުކުރަން ފަށާފައިވާ ކަމަށް ވެސް ޚަބަރު ލިބެ އެވެ. ނަމަވެސް އަބޫއަނަސް ހައްޔަރުކުރި މީހުންނަކީ އެމެރިކާގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވި ލީބިޔާގެ ބައެއް ކަމަށާ އެމީހުން އަނަސް އާ އަރަބި ބަހުގައިވާ ލީބިޔާގެ ލަހްޖާ ބަހުން (ޑައިލެކްޓުން) ލީބިޔާ މީހުން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. (އަލްޖަޒީރާ)