08 Oct 2013, 10:33
ކާބުލް (އޮކްޓޯބަރ 8): އަފްޣާނިސްތާނުގައި ހުޅަނގުގެ ބާރުތައް ވަރަށް ބޮޑަށް ފޭލްވެފައިވާ ކަމަށާ ނޭޓޯގެ ސަބަބުން އަފްޣާން ރައްޔިތުންނަށް މިއަދުވަނީ ބޮޑެތި ވޭންތަކަކާ ކުރިމަތިވެ ކަރުނަ އަޅަންޖެހިފައި ކަމަށް ވިދާޅުވެ ރައީސް ޙާމިދު ކަރުޒާއި ހުޅަނގުގެ ސިޔާސަތު ތަކަށާއި ނޭޓޯގެ ލަޝްކަރުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަފްޣާނިސްތާނަށް ހަމަޖެހުން ގެނެސް ސުލްޙަ ގާއިމް ކުރުމުގައި ހުޅަނގުގެ ބާރުތައް ނާކާމިޔާބު ވެފައިވާ މައްސަލާގައި ކަރުޒާއި ވިދާޅުވީ ފާއިތުވި 10 އަހަރުތެރޭގައި ނޭޓޯގެ ދޮޅު ލައްކައަށް ވުރެ ގިނަ ސިފައިން އަފްޣާނިސްތާނުގައި ބަރު ހަތިޔާރާއި ޒަމާނީ ޓެކްނޮލޮޖީއާ އެކު ހަރަކާތްތެރިވެފައިވާ އިރު އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގައި ހުޅަނގުގެ އަސްކަރީ ބާރުތައް ފޭލްވެފައިވާ ކަމުގަ އެވެ. މިގޮތުން ނޭޓޯގެ ބާރުތަކަށް އަފްޣާނިސްތާނުގެ އެއްވެސް ސަރަހައްދެއްގައި އަމަން އަމާން ގާއިމްކުރެވިފައިނުވާ ކަމަށާ އަދި އަފްޣާން ރައްޔިތުން ބޭނުންވާ ކަންތައްތައް ހާސިލްކޮށްދިނުމުގައި ނޭޓޯއަށް ކާމިޔާބެއް ހޯދިފައިނުވާ ކަމަށް ކަރުޒާއި ވިދާޅުވި އެވެ.
ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ކަރުޒާއި އިތުރަށް ވިދާޅުވީ އަފްޣާނިސްތާނުގައި ސުލްޙަ ގާއިމްކުރުމަށް ނޭޓޯ ނުކުޅެދިފައިވީ ނަމަވެސް އަފްޣާން ސަރުކާރާއި ރައްޔިތުން ނޭޓޯ އަށް އެހީތެރިކަމާއި އެއްބާރުލުން ދީފައިވާނެ ކަމުގަ އެވެ. އަދި ނޭޓޯގެ ޙަމަލާތަކުގައި އަފްޣާން އާންމުންގެ ކުށެއްނެތް އެތަށް ހާސް ބައެއްގެ ފުރާނަ ގޮސް އެތަށް ހާސްބަޔަކު ނުކުޅެދޭ މީހުންނަށް ވެފައިވާ އިރު މިކަމަށް ވެސް ސަރުކާރާއި ރައްޔިތުން ތިބީ ވަރަށްބޮޑަށް ކެތްތެރިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނޭޓޯއަށް އެއްބާރުލުން ދިނުމުގައި އަފްޣާން ރައްޔިތުން ޖާނާއި މާލުން ބޮޑެތި ގުރްބާނީތަކެއް ވެފައިވާ ކަމަށާ ނަމަވެސް ނޯޓޯ އެޖަމާއަތުގެ މިޝަންގައި ފޭލްވެފައިވާ ކަމަށް ކަރުޒާއި ތުހުމަތު ކުރެއްވިއެވެ. ނޭޓޯގެ ޙަމަލާތަކުގައި އަފްޣާން އާންމުން ގިނައަދަދަކަށް މަރުވަމުންދާ މައްސަލާގައި އަފްޣާން ސަރުކާރާއި ރައްޔިތުންގެ ނުރުހުން އެޖަމާއަތަށް އަމާޒުވެފައިވެ އެވެ.
2001 ވަނަ އަހަރު ނޭޓޯ ސިފައިން އަފްޣާނިސްތާނަށް އަރައި ޓެރަރިޒަމާ އިދިކޮޅު ނަމުގައި ހަނގުރާމަ ފަށާފައިވަނީ ހުޅަނގުގެ މަސްލަހަތު އިސްކޮށްގެން ކަމާއި ނޭޓޯގެ ލަޝްކަރުތައް އަފްޣާނިސްތާނުގައި ހަރަކާތްތެރިވަނީ އަފްޣާން ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަމަށް އަފްޣާން ރައްޔިތުންގެ އިތުރުން ސަރުކާރާއި ސިޔާސީ ފަރާތްތަކުންވެސް މިހާރު ދެކޭން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާއާއި ހުޅަނގެ އެހެން ބާރުތައް ބަރުހަތިޔާރާއި ޒަމާނީ ޓެކްނޮލޮޖީއާއެކު 10 އަހަރު ހަނގުރާމަކޮށްގެންވެސް އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުން ބަލިކޮށްލެވިފައެއް ނުވެ އެވެ. މިކަމުގެ ސަބަބުން ތާލިބާންފަދަ ވަސީލަތްތައް މަދު އަދި އާދައިގެ ހަތިޔާރު ގެންގުޅޭ ހަނގުރާމަވެރި ޖަމާއަތްތަކާ ކުރިމަތިލުމުގައި ހުޅަނގުގެ އަސްކަރީ ބާރުތަކުގެ ގާބިލްކަމާމެދު ވަނީ ސުވާލުއުފެދިފަ އެވެ.(އަލްޖަޒީރާ)