08 Oct 2013, 10:20
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އިންތިޚާބުގެ ފުރަތަމަ ބުރު އަލުން ބޭއްވުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރޭ ކުރި ހުކުމްގައި އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ އަސާސީ ހައްގުން ގިނަ އަދަދެއްގެ ރައްޔިތުން މަހުރޫމްވެފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 5623 ވޯޓުގެ އޮޅުވާލުންތަކެއް ހުރިކަމާއި އެކަމުގެ ތަފްސީލުތައް ވެސް ހުކުމްގައި ވަނީ ކަނޑައަޅައި ފާހަގަކޮށްފަ އެވެ.
ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ލިސްޓްތައް ޗެކްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ ހާޒިރުގައި ފުލުހުންގެ ފޮރެންސިކް ސާވިސްގެ ހަބީރުން ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ހުކުމްގައި ބުނެފައި ވަނީ އިންތިޚާބުގެ ވޯޓުލުން ކުޑަތަންވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ނެރުނު ސިއްރު ސާކިއުލާގައި، ވޯޓުލާ މީހުންގެ ލިސްޓުގައި އޮތް އައިޑީކާޑު ނަންބަރާއި އަސްލު އައިޑީ ކާޑުގައި އޮތް ނަމްބަރާ ދިމާނުވިޔަސް ނަމާއި އެޑްރެސް ދިމާވާ ނަމަ ވޯޓުލުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ލާފައިވާ ވޯޓުތައް ސައްޚަ ނުވާނެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.
ހުކުމް އިއްވުމަށް ފަހު ދެން ބާއްވާ އިންތިޚާބެއްގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރުން ލާޒިމްވާ ގައިޑުލައިންތަކެއް ވަނީ ކަނޑައަޅާފަ އެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ލިސްޓުގައި 18 އަހަރު ނުފުރޭ މީހުން ނެތް ކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރު ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އެ ކޮމިޝަނަށް އަންގާފަ އެވެ.
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން އެކި އެޑްރެހުގައި ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި އެ މީހުންނަށް ވަކި ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއްކަން ކަށަވަރު ކުރުމަށްޓަކައި އޮފިޝަލުންނަކީ ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން ވެސް އެއްބަސްވާ ބައެއްކަން ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.
ވޯޓުލާންދާ މީހާ ވޯޓުލާ މަރުކަޒަށް ގަލަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުވައްދާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ މުއައްސަސާތަކުން ކަށަވަރު ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.
ވޯޓުލުމަށް ކިޔޫގައި ތިބޭ ފަރާތްތަކަށް ކޮންމެ 30 މިނިޓަކުން ޓޯކެން ނަންބަރު އެނގޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ އަންގާފަ އެވެ.
މިހާތަނަށް ޕްރިންޓްކޮށްފައިވާ ވޯޓު ކަރުދާސްތައް ބާތިލް ކުރުމަށް ފަހު ރައްކާތެރި ފީޗާސްތައް ހިމެނޭ ގޮތަށް އަލުން ވޯޓުކުރުދާސްތައް ޕްރިންޓް ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރިތާ 72 ގަޑި އިރުގެ ތެރޭގައި އެ ހުކުމްގައި ކަނޑައަޅާފައިވާ ގައިޑުލައިންތަކާ ދޭތެރޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ އެކު މަޝްވަރާ ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ.
ގާނޫނު އަސާސީގައި ބުނާ މުއްދަތުގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވާތީ އެކަމާ ގުޅޭގޮތުން އެ ހުކުމްގައި ބުނެފައި ވަނީ އިންތިޚާބާ ގުޅޭ މަސައްކަތްތައް ގާނޫނު އަސާސީ ބުނާ މުއްދަތުގައި ގާނޫނާ ޚިލާފަށްކޮށްފި ނަމަ އެކަންކަން ރަނގަޅު ކުރުމަށް އިތުރު މުއްދަތު ބޭނުންވާނެ ކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް ރައީސަކު އިންތިޚާބު ނުކުރެވުމަކީ އެއީ މިހާރު ހިނގަމުންދާ ގާނޫނީ ސަރުކާރަށް ނިމުމެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ ސަރުކާރު ވެސް ދެ މި އޮންނާނީ މާބޮޑަށް ދިގުލައިގެން ނުދާނެ ގޮތަކަށް ކަމަށް އެ ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.
އިންތިޚާބު ބާތިލް ކުރުމަށް ރައުޔު ދެއްވި ހަތަރު ފަނޑިޔާރުންނަނީ އަބްދުﷲ ސައީދާއި އާދަމް މުހައްމަދު އަބްދުﷲ އާއި އަލީ ހަމީދު މުހައްމަދާއި ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.
ރައުޔު ތަފާތުވި ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.
އުއްތަމަ ފަނޑިޔާރު ފާއިޒު އަދި އަރީފްގެ ރައުޔުގައި ބުނެފައި ވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލައެއް ނޫންކަމަށާއި އެއީ ގާނޫނުގައި ބުނެފައިވާ ގޮތަށް ހައިކޯޓަށް ހުށަހަޅަން ޖެހޭ މައްސަލައެއް ކަމަށެވެ.
ފަނޑިޔާރު މުއުތަސިމްގެ ރައުޔުގައި ބުނެފައި ވަނީ ގާނޫނުގައި ބުނެފައިވާ އިޖުރާއަތްތަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.