08 Oct 2013, 01:48
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓް "އޮޅުވާލި" ކަމަށް ސްޕްރީމް ކޯޓުގެ ހުކުމުން ހާމަވެގެން ހިނގައްޖެ ކަމަށާއި އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރަނިމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ނަސަންދުރާ ޕެލަސް ހޮޓަލުގައި ނޫސްވެރިންގެ ބައްދަލު ކުރައްވައި ޖަމީލް މިރޭ ވިދާޅުވީ ޕީޕީއެމުން ކުރިން ބުނަމުންދިޔަ ކަންކަން މިއަދު ހާމެވެފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރެވެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޖަމީލް އިތުރަށް ވިދާޅުވީ އެމްޑީޕީއަށް ލިބުނު ވޯޓަކީ ބާތިލް ވޯޓެއްކަން ހުކުމެއް އެނގޭ ކަމަށާއި އެއީ އެމްޑީޕީ އާއި އިލެކްޝަންސް ކޮމިޝަނުން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.
"މިހާރުން މިހާރަށްވެސް ހުކުމުން ސާފް ދެއްތޯ، އެބޭފުޅުންގެ މައްޗަށް(އިލެކްޝަން ކޮމިޝަން މެމްބަރުން) އަޅުގަނޑު މިގޮވާލީ ދެއްތޯ ތަހުގީގް ހިންގަންޖެހޭ، ހަމަ ޖިނާއީ ތަހުގީގް އެބޭފުޅާގެ މައްޗަށް ހިންގަންޖެހޭ" ޖަމީލް ވިދާޅުވިއެވެ. "އިންތިހާބުގެ ތެރޭގައި ވަރަށް ބޮޑެތި އޮޅުވާލުމާއި މަކަރާއި ޖަރީމާތައް ހިންގާފައިވާކަން މި އޮތީ ސުޕުރީމް ކޯޓުގެ ހުކުމުން ސާފްވެގެން ގޮސްފައި. އަދި މި ޖަރީމާތައް ހިންގާފައި މި ވަނީ ވަކި ޕާޓީއަކަށް ހާއްސަކޮށް އެމްޑީޕީއަށް ފައިދާ ހޯދުމަށްކަން ވެސް މިހުކުމުން އެބަސާބިތުވޭ،"
އިލެކްޝަންސް ކޮމިޝަންގައި މިހާތު ބިއްބެވި މެންބަރުންނާއެކު އިންތިހާބަކަށް ވަޑައިގަންނަވާނެތޯ ދެންނެވުމުން ޖަމީލް ވިދާޅުވީ އިލެކްޝަނުން ވޯޓް އޮޅުވާލުމަށް ހަރަކާތްތެރިވި ފަރާތްތައް އިސްތިއުފާ ދޭންޖެހޭ ކަމަށެވެ. އަދި އެފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަން ޖެހޭ ކަމަށެވެ. ޖަމީލް ވިދާޅުވީ މިހާރުގެ އިލެކްޝަންއާއެކު ކުރިއަށްދާނެތޯ ނުވަތަ ނުދާނެތޯ ނިންމާނީ މަޝްވަރާތަކަކަށްފަހު ކަމަށެވެ.