08 Oct 2013, 00:47
ދެން ބާއްވާ ރިޔާސީ އިންތިހާބެއް އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ރަނިންގް މޭޓް ޑރ. މުސްތަފާ ލުތުފީ މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމާ ގުޅިގެން "ސަން" އަށް ދެއްވި އިންޓަވިއެއްގައި މުސްތަފާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން އޮކްޓޯބަރު 20ގެ ކުރިން އިންތިހާބުގެ ފުރަތަމަ ބުރު އަލުން ބޭއްވުމަށް ކަނޑައަޅައިފައި ވާތީ އެ އިންތިހާބު "އެއްބުރުން" ކާމިޔާބު ކުރުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް އެމްޑީޕީން ބަލައިގަތީތޯ ދެންނެވުމުން މުސްތޮފާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ އިންސާފާ މެދު އެއްޗެއް އަދި ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ހުކުމާ ބެހޭ ގޮތުން އެއްޗެއް ބުނަން މިވަގުތު ދަތި. އެކަމާ މެދު މާދަމާ އަޅުގަނޑުމެން ޕާޓީން މަޝްވަރާކުރުމަށް ފަހު އެއްޗެއް ބުނާނީ. އެހެން ނަމަވެސް އަޅުގަނޑު މިދަނީ އެއްބުރުން ކާމިޔާބު ކުރަން. މިރާއްޖޭގައި އިލެކްޝަންސް ކޮމިޝަނުން ދެން ވެސް ބާއްވާ އިންތިހާބެއްގައި އެމްޑީޕީން ބައިވެރިވާނެ. އަދި އެ އިންތިހާބެއް އެމްޑީޕީން އެއް ބުރުން ކާމިޔާބު ކުރާނެ." މުސްތަފާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އިންތިހާބުގެ ތާރީހެއް ހޯދުމަށް ގޮވައިލައި އެމްޑީޕީން ފެށި ސިލްސިލާ މުޒާހަރާތައް މިރެއިން ފެށިގެން ހުއްޓާލައްވާނެ ކަމަށާއި މާދަމަ އިން ފެށިގެން އެމްޑީޕީން އެ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށާނެ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.