27 Nov 2010, 09:01
ދައުލަތުގެ މީޑިއާ ހޯދުމަށް އެމްބީސީން ކުރާ ދައުވާގައި ދައުލަތުގެ މައްޗަށް ދައުވާ ރައްދުވާ ގޮތަށް އެމްބީސީން ދައުވާކޮށްފައިވުމުން ސިވިލްކޯޓްގައި މިއަދު ބާއްވަން ކަނޑައެޅި ޝަރީއަތް ކެންސަލްކޮށްފި އެވެ.
އެޓާނީ ޖެނަރަލް ޑރ. އަހުމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައި ނުވުމުން ދައުލަތުން ދައުވާ ކުރާ މައްސަލަތަކާއި ދައުލަތަށް ދައުވާ ލިބޭ މައްސަލަތައް ސިވިލް ކޯޓުން ބެލުން ހުއްޓާލުމާ ގުޅިގެން، މިއަދު ސިވިލް ކޯޓްގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިމާފައިވާ އެމްބީސީގެ މައްސަލަ ވެސް ކެންސަލްކޮށްފައިވާ ކަމަށް އެމްބީސީގެ ވަކީލު އާޒިމާ ޝުކޫރު ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ އެމްބީސީގެ ދައުވާގައި ދައުލަތާއި ދައުލަތުގެ އެކި މުއައްސަސާތަކަށް ރައްދުވާ ގޮތަށް ދައުވާކޮށްފައިވާނެ ކަމަށެވެ. އަދި އެ ސަބަބަށްޓަކައި މިއަދުގެ ޝަރީއަތް ކެންސަލްވީ ކަމަށް އާޒިމާ ވިދާޅުވި އެވެ. ނަމަވެސް ދެން އެ މައްސަލަ ސިވިލް ކޯޓްގައި ފެށޭނެ ތާރީހެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ ސަން އޮންލައިނުން ދެންނެވި ސުވާލެއްގެ ޖަވާބުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ އަންނަ މަހު 1ގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރީން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިނުގެން ތިއްބެވި ވަޒީރުންނަށް މަގާމުގައި ދެމިތިބެވިދާނެތޯ ކަނޑައެޅުއްވައި ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ވައްދައިފަ އެވެ.
އެމްބީސީން ސިވިލް ކޯޓްގައި ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ކުރީގެ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގައި ހިފަހައްޓާފައި ހުރި ފިކުރީ މުދަލާއި ތަބީއީ މުދަލަކީ އެމްބީސީގެ މުދާ ކަމުގައި ކަނޑައަޅައި ދިނުމަށެވެ. އަދި ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ބޭނުން ކުރާ ފްރިކްއެންސީތައް އެމްބީސީއަށް ބަދަލުކޮށްދިނުމަށާއި އެތަންތަނުގެ މުވައްޒަފުންނަކީ އެމްބީސީގެ މުވައްޒަފުން ކަމަށް ކަނޑައަޅައިދިނުމަށް އެމްބީސީން ދައުވާކޮށްފައިވެ އެވެ. އަދި މާލޭ މުނިސިޕަލްޓީންނާއި ކުރީގެ އެޓޮލްސް ޑިވެލޮޕްމަންޓުން ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑަށް ރާއްޖޭގެ އެކި ހިސާބުތަކުން ދޫކޮށްފައިވާ ބިންތަކަކީ އެމްބީސީގެ މިލްކެއްގެ ގޮތުގައި ހުންނަންވާނެ ތަންތަން ކަމުގައި ކަނޑައަޅައިދިނުމަށް ވެސް އެމްބީސީން ސިވިލް ކޯޓުގައި މިދިޔަ އޮކްޓޯބަރު މަހު ކޮށްފައިވާ ދައުވާގައިވެ އެވެ.