ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި ރޯކޮށްލައި އެ ޓީވީ އަށް ދިން ހަމަލާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމް އިން މި ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މީޑިއާ ކޯޑިނޭޓަރު އަހްމަދު ނިހާން ހަސަން މަނިކު އާއި އަދި ކައުންސިލް މެންބަރު އަލީ އާރިފު ވެސް ވިދާޅުވީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު، މީޑިއާ އަށް ބަޔަކު ދިން އެ "ފިނޑި ހަމަލާ" ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ރޭގައި ރާއްޖެ ޓީވީ އަށް އެ ދިން ހަމަލާ އަޅުގަނޑުމެން ޕީޕީއެމްގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޕީޕީއެމްގެ ނާއިބު ރައީސް ވިދާޅުވި އެވެ. "އަދި ވީޓީވީ އާއި ދިޓީވީ އަށް މީގެ ކުރިން ދިން ހަމަލާތައް ވެސް އަޅުގަނޑުމެން ކުށްވެރި ކުރަން."

ޕީޕީއެމް އިން ބުނީ، އެއްވެސް މީހެއްގެ މުދަލަކަށް އެއްވެސް ފަރާތަކުން ގެއްލުން ދިނުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

"އެއީ އަމިއްލަ ފަރާތެއްގެ މުދަލެއް ކަމަށް ވިޔަސް އަދި ސަރުކާރުގެ މުދަލެއް ކަމަށް ވިޔަސް، އެއްވެސް ފަރާތެއްގެ މުދަލަކަށް ގެއްލުން ދިނުމަކީ އަޅުގަނޑުމެން އަބަދު ވެސް ކުށްވެރިކުރާ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މިވަގުތު މިވަނީ ވަރަށް ބޮޑު ހަލަބޮލިކަމެއް އައިސްފައި ކަމަށާއި އަދި މި ހަލަބޮލިކަން އަންނަން ޖެހުނީ ގާނޫނަށް ތަބާ ނުވާ ބައެއްގެ އަމަލުތަކުން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިހާބާ ގުޅިގެން މިހާރު އައިސްގެން މިއުޅޭ ހަލަބޮލި ކަމަކީ ހަގީގަތުގައި އެމްޑީޕީގެ ފަރާތުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ނުބައި މެސެޖްތަކެއް ދީގެން ކަންކަން އޮޅުވާލުމަށް ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ވިދާޅުވަމުން ގެންދަވަނީ ސްޕްރީމް ކޯޓުން ކޮންމެ ހުކުމެއް އަޔަސް އެކަން އެމަނިކުފާނު ގަބޫލުފުޅު ނުކުރަށްވާނޭ ކަމަށާއި އެހެން ނަމަވެސް ސުޕްރީމް ކޯޓުން ކޮންމެ ގޮތަކަށް ހުކުމް އިއްވި ނަމަވެސް ޕީޕީއެމް އިން އެއަށް ތަބާވާނޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ސުޕްރީމްކޯޓަށް މިހާރު ހުށަހެޅިފައިވާ މައްސަލަގައި އެ ކޯޓުން ކޮންމެ ގޮތަކަށް ހުކުމް އިއްވި ނަމަވެސް އަޅުގަނޑުމެން ޕީޕީއެމް އިން ފުރިހަމައަށް ތަބާނާނަމޭ. ޕީޕީއެމްއަކީ އަބަދުވެސް ގާނޫނީ އޮނިގަނޑުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާން މަސައްކަތްކުރާ އަދި ގާނޫނަށް ތަބާވާ ޕާޓީއެއްގެ ގޮތުން، ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އެ އުޅޭ މައްސަލައިގައި އެ ކޯޓުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކުރިއަށް ގެންދަން ނިންމި ކަމަށްވީ ނަމަވެސް އަދި އިންތިހާބު ބާތިލުކޮށް އަލުން ފުރަތަމަ ބުރު ބާއްވަން ނިންމި ކަމުގައި ވިޔަސް އެ ހުކުމަކީ ޕީޕީއެމްއިން ގަބޫލުރާނޭ ހުކުމެއް ކަމުގައި ދަންނަވަން،" ޕީޕީއެމްގެ ނާއިބުރައީސް ވިދާޅުވި އެވެ.