ޓީވީ ސްޓޭޝަންތައް ހިމާޔަތް ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް އެކްޓިން ފޮރިން މިނިސްޓަރު އަދި އެންވަޔަރްމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ އަށް ދިން ހަމަލާ ކުށްވެރި ކުރައްވައި މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޑިމޮކްރަސީގެ ހަތަރު ވަނަ ތަނބު ކަމަށްވާ މީޑިއާގެ މިނިވަންކަމުގެ މުހިއްމުކަން ފާހަގަ ކުރައްވާ ކަމަށާއި މީޑިއާތައް ހިމާޔަތް ކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ރާއްޖެ ޓީވީ އަށް ހަމަލާ ދިން ހާދިސާ ރަނގަޅަށް ތަހުގީގު ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. މީޑިއާތަކަށް ހަމަލާތައް ނުދެވޭނެކަން ކަށަވަރުކުރުމަށް އެމެރިކާ އިން ގޮވާލާފައިވާ ކަން ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.

ރޭގެ ވަގުތެއްގައި ރާއްޖެ ޓީވީގައި ބަޔަކު ހުޅުޖަހައި އެތަން ވަނީ އަންދާލާފަ އެވެ. ނަމަވެސް އެހެން ތަނެއްގައި އަލުން ސެޓަޕް ހަދައި އެ ޓީވީގެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ. އެ ހަމަލާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.