07 Oct 2013, 22:10
ބީކޭޓީ އިމާރާތަށާއި ރާއްޖެ ޓީވީ ސްޓޭޝަނަށް ގެއްލުންދީ އެ އެތަންތަނުގައި އަލިފާން ރޯކުރުމުގެ ފަހަތުގައި އެ ހަމަލާދިން ކަމަށް ވީޑިއޯ އިން ފެންނަ މީހުން ފިޔަވައި އިތުރު ފަރާތްތަކެއްވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
މިރޭ އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ ޒުވާނުންތަކެއް ރާއްޖެ ޓީވީ އަށާއި އެ އިމާރާތަށް ގެއްލުންދިންތައް ފެންނަމުންދާ އިރު އެކަމުގެ ފަހަތުގައި އެކަން ކުރި ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކެއް ވާނެ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެނަށް ހިޔެއް ނުވޭ އެތަނަށް ގޮސް އުޅުނު އެކުދިންނާއި ރާއްޖެ ޓީވީއާ މާބޮޑު ގޯސްތަކެއް އޮވެގެން ނުވަތަ ނަފުރަތެއް އޮވެގެން ހިނގާފައި އޮތް ކަމަކަށް. އެހެންވީމާ އެކަމުގެ އަލީގައި އަޅުގަނޑު މިދަންނަ ވަނީ ވަރަށް ބޮޑަށް ތުހުމަތު ކުރެވެއޭ ބަޔަކު މީހުން މީގެ ފަހަތުގައި ވާކަން،" ނަވާޒް ވިދާޅުވި އެވެ.
ނަވާޒް ވިދާޅުވީ އެކަމުގެ ތުހުމަތުގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ އިރު އެކަން ކުރި ފަރާތްތަކާއި އެކަމުގެ ފަހަތުގައިވާ ކަމަށް ބެލެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފުލުހުން ކުރާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖެ ޓީވީގެ ފަރާތުން އެކަމަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި އަދި އެ ސަރަހައްދުގެ އިތުރު ވީޑިއޯ ފުޓޭޗްތައް ހުރި ފަރާތްތަކުން ފުލުހުންނަށް އެތަކެތި ދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަވާޒް ވިދާޅުވީ ރާއްޖެ ޓީވީ އަށް ގެއްލުމެއް ދޭން އުޅޭކަމުގެ މައުލޫމާތު އިއްޔެ ރޭ 9:30 އެހާކަންހާ އިރު ފެކްސްއަކުން އެ ޓީވީ އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއް އެ ސިޓީގައި ބުނެފައިނުވާ ކަމަށާއި އަދި އެ ސިޓީއާ ގުޅިގެން އެ ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރި ކަމަށް ވިދާޅުވި އެވެ.
އެމައުލޫމާތު ފުލުހުންނަށް ދިނުމުން އެ ސަރަހައްދުގައި ނުތިބީ ކީއްވެގެންތޯ ސުވާލުކުރުމުން ނަވާޒް ވިދާޅުވީ މާލޭގައި ކުރަމުން ދިޔަ މުޒާހަރާތަކުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ފުލުހުން އެކަމުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އެހެންކަމުން ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް ފުލުހުން އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ކަމަށެވެ.
ރޭ ފަތިހު ރާއްޖެޓީވީ އާއި އެ އިމާރާތުގެ ތިރީގައި ހުންނަ ކޮމްޕިއުޓާ ވިއްކާ ފިހާރައެއް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.