07 Oct 2013, 21:05
އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެއްޓިތާ ހަފުތާއެއް ނުވަނީސް ދެ ހަފުތާގެ ޗުއްޓީއެއް މަޖިލީހުގެ މެންބަރުންނަށް ލިބިއްޖެ އެވެ.
މަޖިލީހުގެ ބައެއް މެމްބަރުން މިރޭ ވިދާޅުވީ މެމްބަރުންނަށް ރަސްމީކޮށް ޗުއްޓީއެއް ނުދޭ ކަމަށާ އެހެން ނަމަވެސް އެޖެންޑާ ކުރާނެ މައްސަލައެއް ނެތިގެން މި މަހުގެ 21 ވަނަ ދުވަހާހަމަށް ޖަލްސާތައް މެދުކަނޑާލީ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ސެކްރެޓޭރިއަޓްގެ ބަހެއް އަދި ނުލިބެ އެވެ.
މަޖިލީސް މެމްބަރުން މި އަހަރު ނެންގެވި ދެވަނަ ޗުއްޓީގައި އެއް މަސް ދުވަހުގެ ޗުއްޓީއަށް ފަހު ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް ފޮނުވި ޖަލުތަކާއި ޕެރޯލްގެ ބިލު އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ކުރިއަށް ގެންގެންދިއުމެވެ. އަދި މަޖިލީހަށް ތައާރަފު ކުރަން ޖެހޭ ދެ ބިލެއްގެ ސުރުޚީ މަޖިލީހަށް އިއްވުން ހިމެނެ އެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ ގާނޫނު އަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަކަށް ބަހުސް ކުރުމަށް ވެސް އެޖެންޑާކޮށްފައިވެ އެވެ. އެއީ ކައުންސިލްތަކުގެ ދައުރާ ގުޅޭ ގޮތުން ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ށ) އަދި (ނ) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު 77 ވުރެ އިތުރު ނުވާނެ ގޮތަށް ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ) އަދި 72 ވަނަ މާއްދާގެ (ހ) އަށް އިޞްލާޙު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް މަޖިލީހުން ބަލައިގަތުމަށް ވޯޓަށް އެހުން ވެސް މާދަމާ ނޫން އަނެއް ދުވަހު ޖަލްސާ އަށް އެޖެންޑާކޮށްފައިވެ އެވެ.
މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ފަށާއިރު، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ސާފު ފުރަތަމަ ފަހަރަށް އެމްޑީޕީ އަށް ވަނީ ލިބިފަ އެވެ. މަޖިލީހުގެ ފަހު ދައުރަށްފަހު އަންނަ އަހަރުގެ ކުރީކޮޅު މަޖިލީހުގެ އިންތިހާބު ވެސް އޮންނާނެ އެވެ.