07 Oct 2013, 19:57
ސިޔާސީ ފައިދާތަކަށް ބައެއް ފަރާތްތަކުން ތަންތަނަށާއި މީސް މީހުންގެ މުދަލަށް ގެއްލުންދޭ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
މިއަދު ހަވީރު ނަސަންދުރަ ޕެލެސް ހޮޓެލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ މީޑިޔާ ގްރޫޕްގެ މެމްބަރު އަބްދުﷲ ޝިނާން ވިދާޅުވީ ސިޔާސީ ފައިދާތަކަށް ބައެއް ފަރާތްތަކުން ތަންތަނަށާއި މުދަލަށް ގެއްލުން ދެމުންދާ ކަމަށާއި އެކަން ޕީޕީއެމް އިން ކުށްވެރިކުރާ ކަމަށެވެ.
"ބައެއް ފަހަރު ބައެއް ކަންކަމަކީ ސިޔާސީ ބައެއް ކަހަލަ ފައިދާތަކެއް ހޯދުމަށް ޓަކައި ސިޔާސީ ކަންކަން ހާސިލު ކުރުމަށް ޓަކައި ވެސް ބައެއް ފަރާތްތަކުން ހިންގާ ކަންކަން. އަޅުގަނޑުމެންނަށް އެބަހުރި އެކަހަލަ ކަންކަން ފާހަގަ ކުރެވިފައި،" ޝިނާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްއަކީ އެއްވެސް ހާލެއްގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާނެ ޕާޓީއެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރާ މީހުން ހޯދައި އެމީހުންގެ މައްޗަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ.
ޝިނާން ވިދާޅުވީ ރޭ ރާއްޖެ ޓީވީ އަށް ދިން ހަމަލާ ޕީޕީއެމް އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަން ކުރި މީހުން ހޯދައި އެމީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ސަލާމަތީ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.