07 Oct 2013, 19:53
ބީކޭޓީ އިމާރާތުގައި ހުންނަ ކޮމްޕިއުޓަ ޕްލަސްއަށާއި، އެ އިމާރާތުގައި ހުންނަ އަމިއްލަ ފަރާތެއްގެ ޓީވީ ސްޓޭޝަން (ރާއްޖެ ޓީވީ) އަށް ގެއްލުންދީ އެ ދެތަނުގައި ރޯކޮށްލުމާ ގުޅިގެން އެ އަމަލު، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދު، އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރައްވައިފި އެވެ. ރައީސް މި އަމަލު ކުށްވެރި ކުރައްވާފައި ވަނީ، އެ މަނިކުފާނު މިއަދު ނެރުއްވި ނޫސްބަޔާނެއްގަ އެވެ.
“ބީ.ކޭ.ޓީ ޢިމާރާތުގައި ހުންނަ ކޮމްޕިއުޓަރ ޕްލަސް ފިހާރައަށާއި، އެ ޢިމާރާތުގައި ހުންނަ އަމިއްލަ ފަރާތެއްގެ ޓީ.ވީ ސްޓޭޝަނަކަށް ގެއްލުންދީ އެދެތަނުގައި ރޯކޮށްލުމާ ގުޅިގެން، މި ޢަމަލު އަޅުގަނޑު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މި ޢަމަލު ހިންގި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް، ޙައްޤު އަދަބު ދިނުމުގައި، ސަރުކާރުން ފަސްނުޖެހޭނަމެވެ." އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި، ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށް ބައެއް ފަރާތްތަކުން ހިންގާ މިފަދަ ޢަމަލުތަކުގެ ސަބަބުން، އާންމު ރައްޔިތުންގެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވަމުންދާކަމީ، އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ، އެކަމުގެ ސަބަބުން މުޖުތަމައުގެ އަމާންކަމާއި މަޞްލަޙަތު ގެއްލި، އާންމުންގެ މެދުގައި ފިތުނަފަސާދު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
"އެހެންކަމުން، މާލެތެރެ އިތުރަށް ހަލަބޮލިކޮށް، ހަމަނުޖެހުމަށް މަގުފަހިވާނެ އެއްވެސް އަމަލެއް، އެއްވެސް ފަރާތަކުން ނުހިންގުމަށް މިފުރުސަތުގައި އަޅުގަނޑު ގޮވާލަމެވެ. އަދި ހަމަނުޖެހުން އުފެއްދުމަށް ބާރުއެޅޭފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށާއި، ގައުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ހުރިހާ ފަރާތްތަކަކުން ޚާއްޞަކޮށް، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުން މުހިންމު އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" އެ ބަޔާން ނިންމާލައްވަމުން ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.