07 Oct 2013, 18:07
މިދިޔަ މަހުގެ 25ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރޭގައި ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯން ބެއާޑްގެ ބަސްމަގު ބެހެއްޓެވި ގޮތުން ރާއްޖެ އާއި ކެނެޑާއާ ދެ ގައުމުގެ ދެ މެދުގައި އޮންނަ ގާތް ގުޅުމަށް ނޭދެވޭ ފިއްތުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި އަދި އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ކެނެޑާގެ ބޮޑުވަޒީރު ސްޓީވަން ހާޕާ އަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ސިޓީފުޅުގައި، ކޮމަންވެލްތު ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރޭގައި، ރާއްޖޭގެ ދާހިލީ ކަންކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު ބެއާޑް ވަނީ ރާއްޖޭގެ އެކްޓިން ފޮރިން މިނިސްޓަރާ ވަރަށް ހަރުކަށިކޮށް ސުވާލުތަކެއް ކުރައްވާފައި ކަމަށާއި، އަދި ދިވެހި ސަރުކާރުގެ ގާނޫނީ ސައްހަކަމާ މެދު ވެސް ސުވާލުތަކެއް އުފައްދަވާފައި ކަމުގައި ވިދާޅުވެފައިވެފައިވާ ކަމަށެވެ. އަދި، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގެ ތެރޭގައި ވެސް ފޮރިން މިނިސްޓަރު ވަނީ ހަމައެފަދައިން އަމަލުތައް ބަހައްޓަވާފައި ކަމުގައި ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.
"ޑިޕްލޮމަސީއަކީ ދެ ގައުމުގެ ދެމެދުގައި، ތެދުވެރިކަމާއި ހަމަހަމަކަމާ އެކު، އަދި ހަމައެހެންމެ ތަހުޒީބީ ގޮތްތަކަށް މުޢާމަލާތްކުރުމަށް މަގުފަހިކޮށްދޭ ކަމަކަށްވީ ހިނދު، އެ ގައުމެއްގެ ރައްޔިތުންގެ ރީތި އަހުލާގަށް މަޝްހޫރުވެފައިވާ ގައުމެއްގެ އެހާ މަތީ ފެންވަރުގެ ބޭފުޅަކު މިފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓެވުމުން އެކަމާ ހިތާމަ ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ." ރައީސް އޮފީހުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެ އާއި ކެނެޑާއަކީ ބައިނަލްއަގްވާމީ ވަރަށް ގިނަ ކަންކަމުގައި އެއްގޮތް ވިސްނުންތަކެއް ގެންގުޅޭ ދެ ގައުމުކަމަށާއި ކުރިއަށް އޮތްތާ ވެސް ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ފުޅާކުރުމަށް ކެނެޑާއާ އެކު މަސައްކަތްކުރުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމުގައި ވެސް ހާމަކުރައްވާފައިވާ ކަމަށެވެ.