27 Nov 2010, 09:00
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގެވުމަށް ސަރުކާރުން ހަވާލުކޮށްފައިވާ، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އުފައްދާފައިވާ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (ޖީއެމްއައިއޭއެލް) އަށް، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ 511 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ ހިންދުސް ތާނީ ޓައިމްސްގައި ޖީއެމްއާރު ކުންފުންޏާ ހަވާލާދީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ އެ 511 މިލިއަން ޑޮލަރުގެ ތެރެއިން 358 މިލިއަން ޑޮލަރު އެގްޒިސް ބޭންކްގެ ސިންގަޕޫރު ގޮފިން ލިބިފައިވާ ކަމަށެވެ. އަދި އެ ލޯނު އަބުރާ ދައްކަން ޖެހެނީ 2015 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 12 އަހަރުގެ މުއްދަތުގެ ތެރޭގައި ކަމަށް ހިންދުސްތާނީ ޓައިމްސްގައިވެ އެވެ.
ޖީއެމްއައިއޭއެލް އިން ފޯނަށް ޖަވާބު ނުދޭތީ އެ ކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލް ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ރަސްމީގޮތުން ޖީއެމްއާރު ކުންފުންޏާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޖީއެމްއާރު ކުންފުނިން ބުނެފައި ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެއާޕޯޓު ތަރައްގީ ކުރާނެ ކަމަށާއި އިތުރު އެކްސްރޭ މެސީންތަކާއި ޗެކިން ކައުންޓަރުތައް ބަހައްޓައި އަދި މުޅި އެއާޕޯޓް އިތުރަށް ޒީނަތްތެރި ކުރާނެ ކަމަށެވެ.
މާލޭ އިންޓަ ނޭޝަނަލް އެއާޕޯޓްގެ އިތުރުން ޖީއެމްއާރު ކުންފުނިން މިހާރު ވެސް އަންނަނީ ތިން އެއާޕޯޓެއް ހިންގަމުން ނެވެ. އެއީ ދިއްލީ، ހައިދަރުއާބާދު އަދި އިސްތަންބޫލްގެ އެއާޕޯޓެވެ.