ރާއްޖޭގެ ހަލާތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

ސަންއާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގައި ގައުމު ހަލާތު އެނަލައިޒްކޮށް ހުށަހެޅި ކަރުދާހަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ގައުމީ ސަލާމަތީ ބާރުތަކުގެ އިސްވެރިންނާއި ޑިފެންސް މިނިސްޓަރު އަދި ވަގުތީ ހޯމް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހަމަ އާއްމުކޮށް ބާއްވާ ބައްދަލުވުމެއް. ނަމަވެސް މިއަދު ބޭއްވި ބައްދަލުވުމުގައި ރޭ ރާއްޖެ ޓީވީގައި ބަޔަކު ރޯކޮށްލި މައްސަލައާ އެނޫން ވެސް ގައުމީ ސަލާމަތާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު. ފުލުހުން ޔަގީންކަން ދެއްވި ސިޗުއޭޝަން ކޮންޓްރޯލް ކުރެވޭނެ ކަމުގެ. އަދި އެމްއެންޑީއެފް ވެސް އޮތީ ތައްޔާރީ ހާލަތުގައި،" މަސްއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ގައުމު ހާލަތު ގޯސްވިޔަނުދީ ކޮންޓްރޯލްކުރެވޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރުމާއެކު މާލެ ތެރޭގައި ކޮންމެ ރެއަކު ވެސް ދަނީ މުޒާހަރާކުރަމުންނެވެ. އަދި ފަހަކަށް އައިސް ބައެއް މީހުން މުދަލަށް ގެއްލުންދީ ހުޅުޖެހުމުގެ ހާދިސާތަކެއް ވެސް ހިނގާފައިވެ އެވެ.