07 Oct 2013, 15:47
ޖަރުމަނު ލީގުގައި ރޭ ބޭޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެ ބަޔާން މިޔުނިކު ލީގު ތާވަލުގެ އެއްވަނަ ހޯދައިފި އެވެ.
މިއީ ޔޫރަޕްގެ ޗެމްޕިއަންނުން މި ސީޒަންގައި ލީގުގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރެވެ. ބަޔާންއަށް ލީގުގެ އެއްވަނަ ލިބުނީ ކުރިން އެ މަގާމުގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް 2-0 އިން ބޮރޫޝިއާ މޮންޗެންގްލެބާޝް އަތުން ބަލިވުމާ ގުޅިގެންނެވެ. މިއީ ސީޒަންގައި ޑޯޓްމަންޑް ވެސް ބަލިވި ފުރަތަމަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ބަޔާންއަށް މެޗުގެ ކުރި ހޯދައިދިނީ 30 ވަނަ މިނިޓުގައި ފްރޭންކް ރިބެރީ ތަނަވަސްކޮށްދިން ފުރުސަތަކުން ޓޯނީ ކްރޫސް އެވެ. އެހެން ނަމަވެސް އޭގެ މިނިޓެއް ފަހުން ލެވަކޫސަން ވަނީ، ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެބާސްޓިއަން ބޮއެނީޝް ފޮނުވާލި ބާރު ހަމަލާއެއް ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާގެ ގައިގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެން ސިޑްނީ ސޭމް އެވެ.
ބުންޑެސް ލީގާގައި މިހާތަނަށް ކޮންމެ ޓީމެއްވެސް އަށް މެޗު ކުޅެފައިވާއިރު ބަޔާންއަށް ލީގުގެ ކުރި ލިބެނީ 20 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 19 ޕޮއިންޓު ހޯދައިގެން ޑޯޓްމަންޑް އޮތްއިރު ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ ލެވަކޫސަން އެވެ.