07 Oct 2013, 15:28
ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާގެ ހުރިހާ ކަންކަން ހިންގުމުގައި އެ އިދާރާގެ އިސްވެރިންގެ އަމަލުތައް ހުންނަނީ އެއްވެސް އާރެއް ބާރެއް ނެތި ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަފުޅު ދައްކަމުން އާޒިމް ވިދާޅުވީ، ނިމިދިޔަ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭނެ ތަށި ވީނުވީއެއް ނޭނގި ގެއްލިއްޖެ ކަމަށް އެފްއޭއެމުން ބުނުމަކީ އެތަން ހިންގުމާ ހަވާލުވެ ހުންނެވި ވެރިންގެ ގާބިލްކަން ނެތުމުންވީ ކަމެއް ކަމަށެވެ. އަދި ކަމެއް ރާވައި ހިންގުމުގައި މިއަދު އެފްއޭއެމްގައި ތިއްބެވި އިސްވެރިންނަކީ އެއްވެސް ގާބިލް ކަމެއް ނެތް ވެރިތަކެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ނިމިދިޔަ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ޗެމްޕިއަންޓީމަށް ދޭނެ ތަށި ވީނުވީއެއް ނޭނގި ގެއްލިފައި ވުމުން، އެތަށީގެ ބަދަލުގައި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް އެފްއޭއެމުން ތައްޓެއް ހަވާލުކުރީ މެޗު ކުޅުން ދުވަހު އަލުން އާ ތައްޓެއް ގަނެގެން ނެވެ. މިއަހަރުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލީ މާޒިޔާ 1-0 ލަނޑުން ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ.
އާޒިމް ވިދާޅުވީ، އެފްއޭއެމް އިދާރާ ހިންގުމާ ހަވާލުވެތިއްބެވި އިސްވެރިންގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަށް ނޭދެވޭ ބޮޑު އަސަރެއް ކުރަމުން އަންނަ ކަމަށެވެ. އަދި މުސްތަގްބަލްގައި ރާއްޖޭގެ ފުޓްބޯޅަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެފްއޭއެމްގެ ރައީސް ކަމާ މިހާރު ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދެވެ. އަލީ އާޒިމުގެ ކޮމެންޓާ ގުޅޭ ގޮތުން އިލްހާމާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.