ރާއްޖެ ޓީވީ ސްޓޭޝަން އާއި "ކްއީން އޮފް ދަ ނައިޓް" އިމާރާތުގެ ތެރެއަށް ޕެޓްރޯލް އަޅައި ރޯކޮށްލި މައްސަލާގައި ސަރުކާރުން ބަދަލުދޭން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގައި މިއަދު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫއްރިޔާ ޑރ. މުހައްމަދު ވަހީދުގެ "އެއްވެސް އިހުލާސްތެރިކަމެއް ހުރި ނަމަ" ރާއްޖެ ޓީވީ އަށާއި އެގޭގައި ހުރި އެހެންތަންތަނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދޭންޖެހޭނެ ކަމަށެވެ.

"މިސުޓޫޑިއޯ އާއި މި އިމާރާތުގެ އެހެން ފަރާތްތަކަށް ބަދަލުދެއްވަން ޖެހޭނެ. ވަރަށް އިހުލާސްތެރިކަމާއެކުގައި ޑރ. ވަހީދުގެ ކިބައިން އެދެން އަދި ޖިހާދުގެ ކިބައިން ވެސް އަޅުގަނޑު އެދެން ރާއްޖެ ޓީވީ އަށް ވެސް. އަދި ތިރީގައި އެ ހުންނަ ކޮމްޕިއުޓާ ފިހާރައަށް ވެސް އަދި މި އިމާރާތުގެ ވެރިފަރާތަށް ވެސް މި ކަމުގެ ފޫބެދެން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ "ކްއީން އޮފް ދަ ނައިޓް" އިމާރާތައް ގެއްލުން ދިނުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި ވީޑިއޯ ފުޓޭޖްތަކުން އެކަން ކުރަނީ ޒުވާނުންތަކެއް ކަމަށް ފެނުނަސް އެކަމުގެ ފަހަތުގައި ގިނަ ބަޔަކާއި ރޭވުންތަކެއްވާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކޮންމެ ނޫސްވެރިއެއްގެ ފަހަތުގައި ސިފައިންގެ މީހަކު ބަހައްޓައިގެން ނަމަވެސް ހިޔާލުފާޅުކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި މީޑިއާތަކަކީ ވަރަށް މުހިންމު އިދާރާތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.