07 Oct 2013, 15:01
ރާއްޖެ ޓީވީ ހިންގާ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑަށް ރޭ ފަތިހު ތޫނު އެއްޗަކުން ހަމަލާދިނުމަށް ފަހު، އެ ސްޓޭޝަން ރޯކޮށް އަންދައިލި މައްސަލަ ފުލުހުންގެ އެއްވެސް އިހްމާލެއް ވޭތޯ ބަލައި ދިނުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅަން މޯލްޑްވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
މިއަދު ބޭއްވި މީޑިޔާ ކައުންސިލް ބައްދަލު ވުމަށް ފަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި މީޑިޔާ ކައުންސިލްގެ ރައީސް ހުޝާމް މުހައްމަދު ވިދާޅުވީ ރާއްޖެ ޓީވީ އަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރާއްޖެ ޓީވީން ހިއްސާކޮށްފައިވާ އިރު އެ ހާދިސާ ހިނގުމުގައި ފުލުހުންގެ އިހްމާލެއް ވޭތޯ ބެލުމަށް އެ ކޮމިޝަނުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.
"ރާއްޖެ ޓީވީ އިން މައުލޫމާތުދޭ ގޮތުގައި ރޭގައި ފުލުހުނަށް ވަނީ ލިޔުމަކުން އަންގާފައި އެ ސްޓޭޝަނަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތް ކުރާކަން. ސަލާމަތީ ބާރުތަކުން މީގެ ކުރިން ޔަގީންކަން ދީފައި ވަނީ މީޑިޔާގެ އެއްވެސް ފަރާތަކަށް ވެސް ހަމަލާއެއްދޭން އުޅޭ ކަމުގެ މައުލޫމާތު އެ ފަރާތަށް ލިބިއްޖެ ނަމަ އެހީތެރިކަން ދޭނެ ކަމަށް. އެހެން ކަމުން މިއަދު ކައުންސިލުން މި ނިންމީ ފުލުހުން އެއްވެސް އިހްމާލެއްވޭތޯ ބަލައި ދިނުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅަން،" ހުޝާމް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖެ ޓީވީ އަށް ދިން ހަމަލާ މީޑިޔާ ކައުންސިލުން ވެސް ބަލައި ތަހްގީގު ކުރުމަށް މިއަދު ވަނީ ނިންމާފައި ކަމަށް ހުޝާމް ވިދާޅުވި އެވެ. އަދި އެ މަސައްކަތަށް ކޮމިޝަނުގެ ފަސް މެންބަރުންގެ ކޮމެޓީއެއް ނަގާފައިވާ ކަމަށާއި އެ ކޮމިޓީ އަށް ކަމާ ބެހޭ ފަންނީ ބޭފުޅުންނާ އެކު ރާއްޖެ ޓީވީ އަށް ދިން ހަމަލާ ތަހްގީގު ކުރުމުގެ ބާރު ލިބިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.
ކުއީން އޮފް ދަ ނައިޓް" އިމާރާތަކަށް ހަ މީހުންގެ ގްރޫޕަކުން މޫނު ނިވާކޮށްގެން ވަދެ، ރާއްޖެ ޓީވީ ސްޓޭޝަންގެ ތެރެއަށް ޕެޓްރޯލް އަޅައި ރޯކޮށްލި ވީޑިއޯ އެ ސްޓޭޝަނުން މިއަދު ވަނީ އާންމުކޮށްފަ އެވެ.