ރާއްޖެ ޓީވީ އަށް ދިން ހަމަލާ ރާއްޖޭގެ މީޑިއާތަކުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން ކުށްވެރިކޮށްފި އެވެ.

ރާއްޖެ ޓީވީ ހިންގަމުން އަންނަ އިމާރާތުގައި ރޯކޮށްލައި އެތަނުގައި ބޭނުންކުރަމުން ގެންދާ ތަކެއްޗަށް ދިން ގެއްލުންތައް ކުށްވެރިކޮށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މީޑިއާތަކުން ނެރެފައިވާ ބަޔާންތަކުގައި ބުނެފައި ވަނީ މި އަމަލު ހިންގުމުގެ އަޑީގައިވާ ބަޔަކު ހޯދައި އެ ބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ. އަދި ހަބަރު ފަތުރާ ވަސީލަތްތަކުން ހަމަނުޖެހުމަށް ގޮވާލުމާއި ޓެރަރިޒަމަށް ހިތްވަރުދޭ މަންޒަރުތަކާއި އަޑުތައް ނުފޮނުވުމަށް މީޑިއާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޯލްޑިވްސް މީޑީއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޯޕަރޭޝަނުން އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެ އަމަލް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެ އަމަލު ހިންގުމުގައި ބައިވެރިވި ބަޔަކު ހޯދައި އެބަޔަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވައިލައިފަ އެވެ.

މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ ޓީވީގެ ސެކިއުރިޓީ ބަލަހައްޓާ މީހާ އަށް ހަމަލާދީ ރާއްޖެ ޓީވީގެ އިމާރާތަށް ދިން ބޮޑެތި ގެއްލުންތަކަކީ ޑިމޮކްރެސީގެ އެއް އަސާސް ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ދީފައިވާ ހަމަލައެއް ކަމަށް އެކޮމިޝަނުން ދެކޭ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ މީޑިއާތަކަށް އަމާޒުކޮށްގެން ދެވޭ އެފަދަ ހަމަލާތަކަކީ ޑިމޮކްރަސީ އަށް އަމާޒުކޮށްގެން ދެވޭ ހަމަލާއެއް ކަމަށެވެ. އަދި އެފަދަ ހިތާމަވެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް ޓަކައި މުޖުތަމައުގެ އަމަން ގާއިމު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންދޭ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވެސް ވަނީ ރާއްޖެ ޓީވީ އަށް ދިން އެހަމަލާކުށްވެރިކޮށްފަ އެވެ. އެމްޑީޕީން ބުނީ އެ އަނިޔާވެރި އަމަލަކީ މީޑިއާގެ މިނިވަންކަން މިގައުމުން ފޮހެލާ ހުދުމުހުތާރު އަނިޔާވެރިކަން ގައުމުގައި ފެތުރުމަށް ބަޔަކު އަޑީގައި ތިބެ ރާވާފައިވާ ފިނޑި އަދި އެހާމެ ނުރައްކާތެރި އަމަލެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ. އަދި ރާއްޖެ ޓީވީ އާއި އެ ޓީވީގެ ނޫސްވެރިންނަށް ރައްކާތެރިކަމެއް ނުލިބި، ފުލުހުން އެމީހުންގެ ދައުރު އަދާކުރުމުގައި ނުކުޅެދިފައިވާ ކަމަށް ބުނެ އެކަމާ ކަންބުވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ.