07 Oct 2013, 14:54
އެވަޓަން އިން މި ސީޒަންގައި ބޮޑު އަގުގައި މެންޗެސްޓާ ޔުނައިޓެޑަށް ގެނައި ބެލްޖިއަމް މިޑްފީލްޑަރު މަރުއާނޭ ފެލައިނީގެ އަތުގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ހަތް ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިދާނޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޔުނައިޓެޑަށް 27.5 މިލިޔަން ޕައުންޑު ހަރަދުކޮށްގެން ގެނައި ފެލައިނީއަށް އަނިޔާވީ އިނގިރޭސި ލީގުގައި އާދީއްތަ ދުވަހު ސަންޑަލޭންޑާ ދެކޮޅަށް ޔުނައިޓެޑް ކުޅެން ހަމަޖެހިފައިވާ މެޗުގެ ފަރިތަކުރުންތަކުގައި އުޅެނިކޮށެވެ.
ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއިސްއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ޑިސެންބަރުގެ ނިޔަލަށް ކުޅުމާ ދުރަށްދާން ޖެހޭނޭ ކަމަށް ލަފާކުރާ ފެލައިނީގެ އަނިޔާއާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ސްޕެޝަލިސްޓަކަށް ދެއްކުމަށް ފަހު އެވެ.
"އޭނާގެ އަތުގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ އެހާ ކުޑަހެނެއް ހިޔެއް ނުވޭ. އެކަމަކު ގޮތެއް ނިންމާނީ ހޯމަދުވަހު ޑޮކްޓަރަށް ދެއްކުމަށްފަހު،" މޮއިސް ބުންޏެވެ.
ފެލައިނީގެ އަތަށް ލިބުނު އަނީޔާ ސީރިއަސް ނަމަ، ވޯލްޑް ކަޕް ކޮލިފައިންގައި ކްރޮއޭޝިއާ އާއި ވޭލްސްއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗުތަކުގައިވެސް ފެލައިނީއަށް ބައިވެރި ނުވެވޭނެ އެވެ.