އަނިޔާގެ ސަބަބުން ދެ އަހަރު ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ފުރަތަމަ ފަހަރަށް ފިޔޮރެންޓީނާގެ ފޯވާޑް ޖިއުސެއްޕެ ރޮސީ އިޓަލީގެ ގައުމީ ޓީމުން ޖާގަ ހޯދައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީ މި މަހުގެ 11ގައި ޑެންމާކާ ދެކޮޅަށް އަދި އޭގެ ހަތަރު ދުވަސް ފަހުން އަމިއްލަ ގައުމުގައި އަރުމީނިއާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް އެމެރިކާއަށް އުފަން 26 އަހަރުގެ ފޯވާޑް ޓީމުގައި ހިމަނާފައިވާކަން ހާމަކޮށްފައިވަނީ އިޓަލީގެ ފުޓްބޯލް ފެޑެރޭޝަނުގެ ވެބްސައިޓްގަ އެވެ.

އިޓަލީ ޓީމަށް 27 މެޗު ކުޅެ ހަ ލަނޑު ޖަހާދީފައިވާ ރޮސީ އެންމެ ފަހުން އެ ޓީމަށް ކުޅެފައިވަނީ، މީގެ ދެ އަހަރު ކުރިން ސާބިއާއާ ދެކޮޅަށެވެ. އޭނާގެ އަނިޔާގެ މައްސަލަތައް ކުރިމަތީވާންފެށީ 2011 ވަނަ އަހަރު ސްޕެއިންގެ ވިލަރެއާލްއަށް ކުޅުނު އިރު ރެއާލް މެޑްރިޑް އާއި ދެކޮޅަށް ކުޅުނު މެޗެއްގައި ކަކުލުގެ ލިގަމެންޓަށް ލިބުނު ގެއްލުމަކަށް ފަހު އެވެ.

އަދި 2012 ވަނަ އަހަރުގެ ޔޫރޯއަށް ފިޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރަނިކޮށް ދެވަނަ ފަހަރަށް އޭނާގެ ކަކުލަށް އަނިޔާވީ ޔޫރޯ ފެށެން ދެ މަސްދުވަހަށް ވެފައި ވަނިކޮށެވެ.

ވިލަރެއާލްއިން ރޮސީ ފިއޮރެންޓީނާއަށް ވިއްކައިލީ މިއަހަރުގެ ކުރީކޮޅުގަ އެވެ. އެގޮތުން އަނިޔާއަށް ފަހު އޭނާ ފުރަރަމަ ފަހަރަށް ކުޅުމުގެ ތެރެއަށް އެނބުރި އައީ، މި އަހަރުގެ މޭ މަހުގެ ތެރޭގައި ޕެސްކާރާއާ ދެކޮޅަށް ފިއޮރެންޓީނާ ކުޅުނު މެޗުގަ އެވެ.

އިޓަލީގެ ގައުމީ ސްކޮޑަށް ނަގާފައިވާ އަނެއް ކުޅުންތެރިއަކީ ކުޅިވަރުގެ ރޫހާހިލާފުވެ ރެފްރީންނާ ބޭއަދަބީކޮށް މުއާމަލާތް ކުރުމުގެ ސަބަބުން އިޓަލީގެ ފުޓްބޯޅައިގެ މައި އިދާރާއިން ތިންމެޗަށް ސަސްޕެންޑް ކޮށްފައިވާ މާރިއޯ ބަލޮޓެލީ އެވެ.

ކޯޗު ޕްރަންޑެލީގެ އަހްލާގީ މިންގަނޑުތަކަށް ނުފެތޭ އަމަލެއް ބަލޮޓެލީ ހިންގާފައިވީ ނަމަވެސް އޭނާ ބުނީ އާދީއްތަ ދުވަހު އެ ސަސްޕެންޝަން ހަމަވާތީ އެއީ މައްސަލައެއް ކަމުގައި ނުބެލީ ކަމަށެވެ.

ބަލޮޓެލީގެ އިތުރުން އޭއެސް ރޯމާގެ ޑިފެންޑަރު ފެޑެރިކޯ ބަލްޒޮރަޓީއަށް ވެސް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ފަހުން ފުރަތަމަ ފަހަރަށް ގައުމީ ސްކޮޑުން ޖާގަ ދީފަ އެވެ. އަދި މި ސީޒަންގައި އިޓަލީ ލީގުގެ އެންމެ ގިނަ ގޯލްޖަހާފައިވާ ޓޮރިނޯގެ ހުނަރުވެރި ފޯވާޑް އެލެސިއޯ ޗެރްސީއަށް ވެސް ސްކޮޑުން ޖާގަ ދީފައިވެ އެވެ.

ކޮލިފައިންގައި ބާކީ ދެމެޗު ކުޅެން އޮތްއިރު އިޓަލީއަށް ވަނީ މިހާރުވެސް އެ ގައުމު ހިމެނޭ ޔޫރަޕްގެ ކޮލިފައިން ގްރޫޕް ބީގެ އެއްވަނަ މަގާމާއެކު ވޯލްޑް ކަޕުން ޖާގައެއް ކަށަވަރު ވެފަ އެވެ.