07 Oct 2013, 14:26
ރާއްޖެ ޓީވީއަށާއި އައްޑޫސިޓީގައި ހުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީހަށް ދިން ހަމަލާއާ މެދު އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމެރިކާ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ތަނަށް ހަމަލާދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާ ކަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުމާއި ސިޔާސީ ބަދަލުހިފުންތައް ހުއްޓުވުމަށް ވެސް އެބަޔާނުގައި ގޮވާލާފައިވެ އެވެ.
"މިހަމަލާތަކުގައި ބައިވެރިވި ފަރާތްތައް އަވަހަށް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކަށް އަހަރެމެން ގޮވާލަމެވެ. އަދި ހަމަނުޖެހުމާއި ސިޔާސީ ބަދަލުހިފުން ހުއްޓައިލުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ވަނީ ޑިމޮކްރެޓިކް ސިޔާސީ ހަރަކާތް ބިނާވެފައި އޮންނަނީ ވޯޓް ފޮއްޓާ ހިސާބުގައި (އިންތިހާބުތަކުގައި) އޮންނަ ވާދަވެރި ކަމުގެ މައްޗަށާއި މިނިވަން ކަމާ އެކު އެންމެނަށް ހިދުމަތް ލިބޭ މީޑިއާގެ މައްޗަށް ކަމަށް އެމެރިކާ ދެކޭ ކަމަށެވެ.
ރާއްޖެ ޓީވީގައި ހުޅުޖެހި ހާދިސާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަ،ލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
ރާއްޖެޓީވީ ހިންގަމުން އައި އިމާރާތުގައި ރޭ ބަޔަކު ހުޅުޖަހައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ. ނަމަވެސް އެހެން ތަނެއްގައި ސްޓޫޑިއޯ ސެޓަޕެއް ހަދައި، އެ ޓީވީ ސްޓޭޝަނުގެ ހިދުމަތް މިހާރު ވަނީ އަލުން ފަށާފަ އެވެ.