މަޖިލީހުން ރުހުން ލިބިވަޑައިނުގެން ހުންނެވި އެޓާނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޝަކުވާ ބަލާ ކޮމެޓީ އަށް ހާޒިރުވެ ވަޑައިގަތުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފުރާޝީމު އަލީ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފި އެވެ.


ޖޭއެސްސީން ބުނީ ބުރާސްފަތި ދުވަހު އޮތް ޖަލްސާގައި މަޝްވަރާކުރީ ނޫސްތަކުގައި ޝާޢިއުކޮށްފައިވާ ޚަބަރުތަކުގެ ތެރެއިން އާއްމުކޮށް ފަނޑިޔާރުންގެ ތެދުވެރިކަމާއި ޢަދުލްވެރިކަމާ އަދި ފަނޑިޔާރުގޭގެ މުސްތަޤިއްލުކަމާ މެދު އާއްމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ފަދަ މައްސަލަތަކާ ބެހޭ ގޮތުން ކަމަށެވެ.


ނަމަވެސް މައްސަލައިގެ ބަހުސް ކުރަމުންދަނިކޮށް ޑރ. ސަވާދު ޖަލްސާ އަށް ވެދެވަޑައިގެންނެގުމުން، މަޖިލީހުގެ ރުހުން ލިބިފައިނުވާ ބަންޑާރަ ނައިބު ޑރ. އަޙްމަދު ޢަލީ ސަވާދަށް މަޖިލީހުން ރުހުންދެއްވާފައި ނުވާކަމަށާއި އެބޭފުޅާގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެ އަދި އެބޭފުޅާ އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޑރ. އަފްރާޝިމް ވިދާޅުވި ކަމަށެވެ.


"ޑރ. ސަވާދުގެ އަރިހުން ވަރަށް ބޮޑަށް މައާފަށް އެދުމާ އެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުވެސް ވޯޓު ދީގެން އެޓަނީ ޖެނެރަލްގެ މަޤާމުގައި ޑރ. ސަވާދެއް މިހާރަކު ނުހުންނަވާނެ. އަޅުގަނޑު ވަރަށް އުއްމީދު ކުރަން މިކަން ޑރ. ސަވާދު ޕާސަނަލްކޮށް ނުނަންގަވާނެ ކަމަށް. ޤަނޫނަށް ބަލާއިރު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޑރ. ސަވާދު ބައިވެރިވެގެން ނުވާނެ ކޮމިޓީއެއްގައި ވެސް އަދި ކޮމިޝަނުގެ ޖަލްސާތަކުގައި ވެސް،" ޑރ. އަފްރާޝިމާ ހަވާލާ ދެއްވައި ޖޭއެސްސީ ވެބްސައިޓްގައިވެ އެވެ.


ނަމަވެސ އެކަމާ ގުޅޭގޮތުން ޑރ. ސަވާދު ވިދާޅުވީ ޑރ. އަފްރާޝިމް ފާހަގަކުރެއްވެވީ މަޖިލީހުގައި ކަންހިނގައި ދިޔަގޮތާއި ނިންމި ގޮތް ކަމަށާއި ގާނޫނީ ގޮތުން އެމަނިކުފާނަށް ކުރައްވަންޖެހިވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.


”އަޅުގަނޑުދެކޭގޮތުގައި އަދިވެސް އަޅުގަނޑު މިހުރީ މަޤާމުގައި. އެހެންވީމާ އެ މަޤާމުން އަޅުނޑުވަކިވާނޭ ހަމަތަކެއް ޤާނޫނު އަސާސީގައި ބަޔާންވެގެންވޭ. އެ ހަމަތަކުގެ މަތީން އަޅުގަނޑު ވަކިވީމަ އަޅުގަނޑުގެ މަސްޢޫލިއްޔަތު އެނިމުނީ. އެހާތަނަށް ޖެހެންދެން އަޅުގަނޑުގެ ޒިންމާ އާއި މަސްޢޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންވީމާ އެގޮތުން އަޅުގަނޑު މި ކޮމިޓީ އަށް ވެސް ހާޒިރުވަނީ. އެމަސްޢޫލިއްޔަތު އަޅުގަނޑު އަދާކުރާނަން އިނގޭތޯ،" ޑރ. ސަވާދު ވިދާޅުވި އެވެ.