07 Oct 2013, 13:45
ހައްޖުގެ ދުވަސްވަރު މައްކާ އާއި ހައްޖުގެ އަޅުކަމާ ގުޅޭ އެހެން ތަންތަނުގައި ދޭ ހިދުމަތްތައް ލިބިގަތުމަށް މަކަރު ވެރި ގޮތުގައި މަސައްކަތް ކުރި ބަޔަކު ސައުދީ ސަރުކާރުން ހުއްޓުވައިފި އެވެ.
މައްކާގެ ގަވަރުނަރުގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ޢަބުދުލް ޢަޒީރު އަލް ޚުދައިރީއާ ހަވާލާދީ އަލް އަރައްބިއްޔާ ނިއުސް އެޖެންސީން ބުނީ ހައްޖަށް ދާން ކަމަށް ހެދިގެން މަކަރުން އުޅުނު ދިހަ ގްރޫޕެއް ހުއްޓުވާފައިވާ ކަމަށެވެ. އެކަން ކުރި ފަރާތްތައް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށާއި ސައުދީ ރަސްގެފާނުގެ އަމުރަށް އެ މީހުންނަށް ހަރުކަށި ދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޚުޟައިރީ ވިދާޅުވެފައި ވަނީ މަކަރުހެދި ގްރޫޕްތައް ހޯދުނީ ސައުދީ އަރަބިއްޔާގެ ތެރެއިން ކަމަށެވެ. ހައްޖާޖީންނަށް ދޭ ހިދުމަތް ތަކަށް ބުރޫ އަރަނީ އެފަދަ މަކަރުވެރި ގްރޫޕްތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ. އޭނާ އަދި ވިދާޅުވެފައި ވަނީ ބޭރުން (އެހެން ގައުމުތަކުން) އަންނަ ހައްޖާޖީން އަންނަނީ ވަރަށް ރަނގަޅު އިންތިޒާމްތަކަކާ އެކުގައި ކަމަށެވެ.
ހައްޖުގެ ދުވަސްވަރު ދަތުރުފަތުރުގެ ނިޒާމަށް ބާރުބޮޑުވުމާއި ތޮއްޖެހުން ފަދަ ކަންތައްތައް ކުރިމަތި ވަނީ އެއްވެސް ހައްޖު ގްރޫޕަކާ ނުގުޅި އަންނަ މީހުންގެ ސަބަބުން ކަން ޚުޟައިރީ ފާހަގަކުރައްވާފައިވެ އެވެ.
ހައްޖާޖީންނަށް ހިދުމަތްދޭ ފަރާތްތަކުން ސަލާމަތީ ކަންތައްތަކާ ހިލާފު ވެއްޖެ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސައުދީ ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން ހައްޖަށް ދިއުމުގެ ހުއްދަ ނެތި ގޮސް އުޅެނިކޮށް އަތުލައި ގަނެވޭ ބޭރުގެ މީހުން ވަގުތުން ޑީޕޯޓް ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެފަދަ މީހުން 10 އަހަރު ވަންދެން ސައުދީ އަރަބިއްޔާއަށް ދަތުރުކުރުން މަނާކުރާނެ ކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
ގަވައިދާ ހިލާފަށް ހައްޖަށް ދާ މީހުން އެއްތަނުން އަނެއް ތަނަށް އުފުލައިދޭ ފަރާތްތައް ހައްޔަރުކޮށް ޖޫރިމަނާ ކުރާނެ ކަމަށާއި އެފަދަ ފަރާތްތަކުގެ ވެހިކަލްތައް ސަރުކާރުން އަތުލާނެ ކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.