07 Oct 2013, 13:27
އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އަތުން 3-2 ލަނޑުން އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓާސް މޮޅުވެއްޖެ އެވެ.
ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ޖަހާ ކުރި ހޯދީ އޭސީ މިލާނުންނެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސުލޭމާން މުންތާރީ އެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ޔުވެންޓަސްއިން ވަނީ މެޗުގެ 15 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެލަނޑު ޔުވެންޓާސްއަށް ކާމިޔާބު ކޮށްދިނީ އަންދްރޭ ޕިރްލޯ އެވެ. އަދި ރޭގެ މެޗުގައި ޔުވެންޓަސްގެ ދެ ވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ސެބަސްޓިއަން ޖިއޮވިންކޯ ކާމިޔާބު ކޮށްދިންއިރު، އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖިއޯޖިއޯ ކިއެލީނީ އެވެ.
ޔުވެންޓާސް ކޮޅަށް މިލާނުން ޖެހި ދެ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މުންތާރީ އެވެ.
ރޭގެ ނަތީޖާއާ އެކު ލީގުގައި ޔުވެންޓަސް މިހާރު އޮތީ 19 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. އަދި މެޗުން ބަލިވި އޭސީ މިލާން އޮތީ އަށް ޕޮއިންޓާއެކު 12 ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި 21 ޕޮއިންޓާ އެކު ރޯމާ އޮތްއިރު ދެ ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. ނަޕޯލީއާއި ޔުވެންޓާސް ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައި ވީނަމަވެސް ނަޕޯލީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ރޭގެ މެޗަށްފަހު މިލާނުގެ ކޯޗު މަސިމޯ އެލެގްރީ ބުނީ، ޔުވެންޓާސްއާ ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި މެޗުގެ 74 ވަނަ މިނެޓުގައި ޓީމުގެ ޑިފެންޑަރަށް ރަތްކާޑު ދައްކާ އެކަކު މަދުކޮށް ކުޅެންޖެހުމުން ޓީމަށް އޭނގެ އަސަރު ކުރިކަމަށެވެ. އަދި ރޭގެ މެޗަށް ނިކުތްއިރު ޓީމުގެ ގިނަ ކުޅުންތެރިން ތިބީ އަނިޔާގައި ކަމަށް މަސިމޯ ބުންޏެވެ.
ރޭ ޔުވެންޓަސް އަތުން އޭސީ މިލާން ބަލިވިއިރު، އަނިޔާގެ ސަބަބުން މިލާނުގެ ކަކާ ރޭގެ މެޗުގައި ނުކުޅެ އެވެ. އަދި މިލާންގެ ހުނަރުވެރި ފޯވާޑް މާރިއޯ ބަލޮޓެލީ ހުރީ ސަސްޕެންޝަނުގަ އެވެ.