އަންނަ އަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން އަށް އިނގިރޭސި ލީގު ކުޅުން ދެ ހަފުތާ އަށް ވަގުތީގޮތުން މެދުކަނޑާލާއިރު ލީގުގެ އެންގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ޗެލްސީ އޮތުމުން އެކަމާ ހިތްހަމަ ޖެހޭ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ނޯވިޗް ސިޓީ އަތުން 3-1 ލަނޑުން ޗެލްސީ މޮޅުވި މެޗަށްފަހު މޮރީނިއޯ ބުނީ، ލީގުގައި ވާދަކުރާ 20 ޓީމުން، ކޮންމެ ޓީމެއް ވެސް މިހާރު ޖުމްލަ ހަތް މެޗް ކުޅެފައި ވާއިރު 14 ޕޮއިންޓައެކު ލީގުގެ އެންމެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނި ތިންވަނަ މަގާމްގައި ޗެލްސީ ހިމެނިފައި ވުމުން އެކަމާ ހިތްހަމަޖެހޭ ކަމަށާއި އުންމީދަކީ ލީގުގެ ބާކީ ހުރި މެޗްތަކުން ރަނގަޅު ނަތީޖާއެއް ނެރެ، އެއް ވަނަ ހޯދުން ކަމަށެވެ.

"ހަތް މެޗުކުޅެ ތިން ވަނާގައި އޮތުމުން ހިތްހަމަޖެހޭ. އަހަރެމެންގެ އުންމީދު އަދި ނުގެއްލޭ." މޮރީނީއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، ލީގުގައި ބާކީ ހުރި މެޗްތަކަކީ ފޯރިގަދަވާނެ މެޗްތަކެއް ކަމަށާއި އެގޮތުން މިފަހަރުގެ ލީގުގައި ވާދަކުރާ ޓީމް ތަކުގެ ތެރެއިން ގިނަ ޓީމްތަކަކީ ގޮތް ނޭގޭ ކަހަލަ، ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލާ ވަރުގެ މޮޅެތި ޓީމްތައް ކަމަށެވެ.

ޕްރިމިއާ ލީގުގެ ކުޅުން ދެ ހަފްތާއަށް މެދު ކަނޑާލިއިރު، ލީގުގެ އެއް ވަނަމަގާމްގައި 16 ޕޮއިންޓާއެކު އަދި އޮތީ އާސެނަލް އެވެ. ލީގުގެ ދެ ވަނަ މަގާމްގައި އާސެނަލްއާއި އެއްވަރަށް ޕޮއިންޓު ހޯދައިގެން އޮތީ ލިވަޕޫލެވެ. އާސެނަލްއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ތިން ވަނަ މަގާމްގައި 14 ޕޮއިންޓައެކު ޗެލްސީ އޮތްއިރު، ލީގުގެ ހަތަރު ވަނަ މަގާމްގައި އޮތީ 14 ޕޮއިންޓާއެކު ސައުތުއެމްޓަން އެވެ.