ރާއްޖެ ޓީވީ ހިންގާ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑަށް ރޭ ފަތިހު ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު، އެ ސްޓޭޝަން ރޯކޮށް އަންދައިލިތާ، 10 ގަޑިއިރު ފަހުން އެ ސްޓޭޝަންގެ ޓްރާސްމިޝަން އަލުން ފަށައިފި އެވެ. ރާއްޖެ ޓީވީގެ ޓްރާސްމިޝަން އަލުން ފެށީ މިއަދު މެންދުރު 12:40 ގަ އެވެ.

ރާއްޖެ ޓީވީގެ ސީއީއޯ އަބްދުﷲ ޔާމިން ވިދާޅުވީ އެ ސްޓޭޝަންގެ ހިދުމަތް ފެށީ ރިޔާސީ އިންތިހާބަށް ތައްޔާރު ކުރި ސްޓޫޑިއޯއެއްގައި ކަމަށާއި އެ ސްޓޫޑިއޯގައި ބޭނުން ކުރަމުން ދަނީ "ބައެއްގެ އަތުން ގެނައި ތަކެތިންނާއި އެހީގެ ގޮތުގައި ދީފައިވާ އިކިއުޕްމަންޓު"ތަކުން ކަމަށެވެ.

"މީހާރު ވެސް މީސް މީހުން އައިސް އެކި އެއްޗެހި ހަދިޔާ ކުރަމުންދޭ. އަޅުގަނޑުމެން ޓްރާސްމިޝަން މިފެށީ ވަރަށް ހާލުން،" ޔާމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ކުއީން އޮފް ދަ ނައިޓް" އިމާރާތުގައި ރޯކޮށްލުމުން އެ ސްޓޭޝަންގެ ހުރިހާ އެއްޗެހިތައް އަނދައި ހުލިވި ކަމަށާއި ނަމަވެސް ހަބަރު ކިޔަން ގެންގުޅޭ "އޮޓޯކިއު"އަށް އަލިފާނުގެ އަސަރު ނުކުރާ ކަމަށެވެ. އަދި އޭތި އަލިފާނުގެ އަސަރުނުކޮށް، ސަލާމަތްވީ "ތަންކޮޅެއް" އެތެތޭގައި ހުރި ސްޓޫޑިއޯއެއްގައި ހުރުމުން ކަމަށް ޔާމިން ވިދާޅުވި އެވެ.

"އެއީ ހަމައެކަނި ސަލާމަތްވި އެއްޗަކީ. އޭތި ސަލާމަތްވީ ތަންކޮޅެއް އެތެރޭގައި ހުރި ސްޓޫޑިއޯއެއްގައި ހުރުމުން،" ޔާމިން ވިދާޅުވި އެވެ.