ރާއްޖެ ޓީވީ ހިންގާ ހެންވޭރު "ކުއީން އޮފް ދަ ނައިޓް" އިމާރާތުގައި ރޯކޮށްލި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި އަބްދުﷲ ރިޔާޒުގެ އިތުރުން ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު މުހައްމަދު ވެސް ކޮމެޓިއަށް ހާޒިރު ކުރަން ނިންމި އެވެ. އެ ދެބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރުމަށް ހުށަހެޅީ އެމްޑީޕީގެ މެންބަރު އަލީ ރިޒާ އެވެ. އަދި އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ މެންބަރު އަހުމަދު އީސާ އެވެ.

އެ ދެ ބޭފުޅުން ކޮމެޓިއަށް ހާޒިރު ކުރަން ފާސްވެފައި ވަނީ ކޮމެޓީގެ އިއްތިފާގުންނެވެ. އަދި އެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރާނީ މާދަމާ 11:00ގައި ބާއްވާ ކޮމެޓީގެ ބައްދަލުވުމަށެވެ.

އެ ބައްދަލުވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ފަރާތުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެންމެ އިސް އޮފިސަރާއި ރާއްޖެ ޓީވީގެ އިސްވެރިން ވެސް ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމި އެވެ. އަދި އެ މައްސަލާގައި ކޮމެޓީ އަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ އާންމު ފަރާތްތަކަށް ވެސް އެ ފުރުސަތު ދިނުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.