މަޖީދީމަގުގައި ހުންނަ ކްލިކް ކޮމްޕިއުޓާސްގެ ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ލެޕްޓޮޕާއި ޗާޖަރު ތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ކްލިކް ކޮމްޕިއުޓާސްގެ "ފުރާޅު ހަލާކުކޮށްލައިގެން" އެ ފިހާރަ ތެރެއަށް ބަޔަކު ވަދެ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ކްލިކް ކޮންޕިއުޓާސްގައި ހަރުކޮށްފައި ހުރި ސީސީޓިވީގެ ފޫޓޭޖުތަކުން ފެންނަ ގޮތުގައި ފިހާރައަށް ވަގުން ވަދެފައި ވަނީ މޫނު ނިވާކޮށްގެނެވެ.

ކްލިކް ކޮމްޕިއުޓާސް ފިހާރައިގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ރޭ ދަންވަރު 3:00 ހާއިރު އެ ފިހާރައިގެ ސީލިންގުން ދެ ފޫޓު ދެ ފޫޓުގެ ގޮޅިއެއް ހަލާކުކޮށްލައިގެން ފިހާރަ ތެރެއަށް ވަދެ ކަމަށެވެ.

އަދި އެ ފިހާރައިން 12 ވަރަކަށް ލެޕްޓޮޕާއި ލެޕްޓޮޕް ޗާޖަރު ތަކެއް ވަގަށް ނަގާފައިވާ ކަމަށާޢި ވަގަށް ގެންދިޔަ ތަކެތީގެ އަގު 250،000ރ. އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފިހާރައިގެ ކައުންޓަރުގެ ޑްރޯވާ ތެރޭ އޮތް 1000ރ. ވެސް ވަގެންދިޔަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.