07 Oct 2013, 11:21
ރާއްޖެ ޓީވީ ހިންގާ އިމާރާތުގައި ރޯކޮށްލުމުން އެ ސްޓޭޝަންގެ އިކިއުޕްމަންޓުތައް އަނދައި ހުލިވެފައި ވާތީ، ރާއްޖެޓީވީގެ އޮންއެއާ އަލުން ފެށުމަށް ރާއްޖޭގެ ހުރިހައި ބްރޯޑްކާސްޓަރުން އެހީތެރިވެދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި އެވެ.
ރާއްޖެ ޓީވީ ހިންގާ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑަށް ރޭ ފަތިހު ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު، އެ ސްޓޭޝަންގައި ބަޔަކު ގަސްތުގައި ރޯކޮށްލުމުން، އެ ސްޓޭޝަނަށް ލިބުނު ގެއްލުން މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުންދީން ވިދާޅުވެފައިވެ އެވެ.
~
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ރާއްޖެ ޓީވީ ރޯކޮށްލުމުން އެތަނުގެ އިކިއުޕްމަންޓުތައް އެއްކޮށް ހަލާކުވެ، އޮންއެއާ ހުއްޓިފައިވާ ކަމަށާއި އެއްވެސް ހާލަތެއް މެދުވެރިވެގެން ބްރޯޑްކާސްޓަރެއްގެ އޮންއެއާ އަށް ހުއްޓުމެއް އައުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.
ރާއްޖެ ޓީވީއަށް ދިމާވެފައިވާ ހާއްސަ ހާލަތުގައި އެ ސްޓޭޝަނަށް ވެދެވެން އޮތް އެހީތެރިކަމެއް ބްރޯޑްކާސްޓަރުން "ގުޅިގެން" ވެދިނުމަށް ޝަހީބު އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑު އިލްތިމާސް ކުރަނީ ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުން ގުޅިގެން، ރާއްޖެ ޓީވީއަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވައި އެ ފަރާތުން އަލުން އޮންއެއާ'ވުމަށްޓަކައި ސަޕޯޓްކޮށްދިނުމަށް. ވަކިން ހާއްސަކޮށް ޕަބްލިކް ބްރޯޑްކާސްޓަރަށް [މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން]ގައި އެދެން،" ރާއްޖޭގެ ބްރޯޑްކާސްޓިން މިޑީއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.
"މިގޮތައް ހުޅުޖަހައިގެން، ކަމެއްކޮށްގެނެއް ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް އަތް އެޅޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މީޑިއާ ފަރާތްތަކަށް ދިމާވާ ކަންތައްތަކުގައި ދިމާވާ ހާދިސާތަކުގައި ހުރިހާ އެންމެން އެކުވެގެން މަސައްކަތް ކުރާކަމުގެ ނަމޫނާ އަޅުގަނޑުމެން ދައްކަމުން މިދަނީ،"
ޝަހީބު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ބަދަލު ހިފުމުގެ ރޫހެއްގައިވިޔަސް ބްރޯޑްކާސްޓިން ޝްޓޭޝަނަކަށް އަދި އިކިއުޕްމަންޓަކަށް، ނޫސްވެރިއަކަށް، އެފަދަ ތަނެއްގެ މުވައްޒަފަކަށް ވެސް ހަމަލާ ރައްދު ނުކުރުމަށް އެދޭ ކަމަށެވެ. ބްރޯޑްކާސްޓަރުން އޮންއެއާ ކުރާ ކޮންޓެންޓުގައި ޖެހޭ މައްސަލަތައް އެ ކޮމިޝަނުން ބަލަމުންދާ ކަމަށާއި ފިޔަވަޅު އަޅަން އެ ކޮމިޝަނަށް ދޫކޮށްލުމަށްފަހު، އެހެން ފަރާތްތަކުން ކެތްތެރިވެވަޑައިގެން ގާނޫނީ ހަމަތަކުގެ ތެރޭގައި ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށް ޝަހީބު ވިދާޅުވި އެވެ.
ރާއްޖެ ޓީވީ ހުއްޓުވާލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތެއް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އެ ސްޓޭޝަނުން ބްރޯޑްކާސްޓިން ކޮމިޝަނަށް ސިޓީއަކުން ދެންނެވި ކަމަށާއި އެ މައުލުމާތު ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ޝަހީބު ވިދާޅުވި އެވެ. އަދި އެ ސްޓޭޝަނާ ގުޅޭ ގޮތުން އާންމުވި ޑޮކިއުމަންޓަކާއި ރާއްޖޭޓީވީއަށް ގެއްލުންދޭން އުޅޭ ކަމަށް އާންމު ފަރާތަކުން ދިން މައުލޫމާތު ވެސް ފުލުހުންނާ ހިއްސާ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަހަލަ ކޮންމެ ކަމެއްގައި ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ނަގަންޖެހޭ ފުރިހަމަ އެކްޝަން ވަގުތުން ވަގުތަށް އަޅަމުން މިގެންދަނީ. މިދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް ވެސް ކޯލެއް އައި، ރާއްޖެ ހަމަލަދޭން އުޅޭ، އަދި ހުއްޓުވާނެ ކަމުގެ ވާހަކައެއް އާންމު ފަރާތަކުން އަޅުގަނޑުމެންނަށް ގުޅާފައި ބުނަނީ. ދެން އަޅުގަނޑުމެން އެ ކޯލް ކުރި ފަރާތުގެ ނަމްބަރާއި އެ މީހާގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވާނީ،" ޝަހީބު ވިދާޅި އެވެ.