07 Oct 2013, 10:58
ޓިވީ ސްޓޭޝަންތަކުގެ ސެކިއުރިޓީ ސިފައިން ބަލަހައްޓަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން އަބުދުއްރަހީމް ވިދާޅުވީ ރޭ ރާއްޖެ ޓީވީގައި ރޯކޮށްލި ހާދިސާއާ ގުޅިގެން ޓީވީ ސްޓޭޝަންތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަބުދުއްރަހީމް ވިދާޅުވީ މިވަގުތު ޓީވީ ސްޓޭޝަންތައް ކައިރީ ސިފައިންތިބި ނަމަވެސް ހުރިހާ މީޑިއާތަކެއްގެ ސެކިއުރިޓީ އަށް ވެސް އިސްކަންދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މާލެތެރޭގެ ހާލަތާއި ސިފައިން އަބަދު ވެސް އެ އިރެއްގައި ބަލަހައްޓަން ޖެހޭ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ކަމަށެވެ.
އަދި އެކަމަކީ ވަކި މުއްދަތެއް ކަނޑައަޅައިގެން ކުރަމުން އަންނަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ސެކިއުރިޓީ ބަލަހައްޓަން ރިކުއެސްޓް ކުރާ ސްޓޭޝަންތަކުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
ރާއްޖެ ޓީވީ ހިންގާ ހެންވޭރު "ކުއީން އޮފް ދަ ނައިޓް" އިމާރާތުގައި ރޭ ފަތިހު ވަނީ ރޯކޮށްލާފަ އެވެ. ހަތް ބުރިއަށް ހަދާފައި ހުރި އިމާރާތުގައި ހުރި ރާއްޖެ ޓީވީގެ ސްޓޭޝަނުގައި ހުރި ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހު ވަނީ ވީޓީވީގެ އިމާރާތް ވެސް ރޯކޮށްލައި ބޮޑެތި ގެއްލުންތަކެއްދީފަ އެވެ.