ދަނޑުމަތީގައި ތިބޭ ކުޅުންތެރިންނާއި ކުޅިބަލަން ވަންނަ ސަޕޯޓަރުން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި ދިނުމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެދިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ނިއުއިން މިހެން ބުނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްއް (އެފްއޭއެމް) ގެ ރައީސް އިލްހާމް އަހްމަދަށް އެޑްރެސްކޮށް އިއްޔެ ފޮނުވި ސިޓީއެއްގައެވެ. އެސިޓީގައި ބުނެފައި ވަނީ މިއަހަރުގެ އެފްއޭ ކަޕް ފައިނަލްގައި އިދިކޮޅު ޓީމުން ދިވެހި ފުޓްބޯޅައިގެ އެންމެ އަގުބޮޑު ރައުސްމާލް ކަމަށްވާ ގައުމީ ޓީމުގެ ކެޕްޓަން އަދި ނިއުގެ ފޯވާޑް އަލީ އަޝްފާގަށް ހަމަލާދިން މައްސަލަ ރެފްރީ ނިންމާލީ ވަރަށް "ފިނި" ގޮތަކަށް ކަމަށެވެ. އަދި އެ ޓީމުގެ ޒުވާން ޑިފެންޑަރު ރިލްވާން ވަހީދަށް ދިން ހަމަލާއާ މެދުގައި ވެސް ރެފްރީ ކަންކުރީ އެގޮތަށް ކަމަށް ބުނެފައި ވެއެވެ.

"އިދިކޮޅު ޓީމުގެ ކުޅުން ތެރިޔަކު، ދިވެހި ފުޓްބޯޅައިގެ އެންމެ އަގުބޮޑު ރައުސްމާލު ކަމަށް ވާ އަލީ އަޝްފާޤް ވައްޓާލުމަށް ފަހު އޭނާގެ ގައިގައި ފައިން ތަޅާ ފައިފުއްސެއްގެ ދަރަޖައަށް ތިރިކޮށްލި މަންޒަރު ފެނުނު ނަމަވެސް އޭނާ އަށް ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. އަދި ހަމަ މިކުޅުންތެރިޔާ، ޤައުމީ ޓީމުގެ އަރަމުން އަންނަ ޒުވާން ކުޅުން ތެރިއެއް ކަމަށްވާ ރިލްވާން ވަހީދަށް ވެސް ދާދި އެއްގޮތަކަށް ދި ން ހަމަލާ ރެފްރީ ނިންމާލީ ވަރަށް އާދައި ފިނި ނިންމާލުމެކެވެ." ނިއުގެ ސިޓީގައިވެ އެވެ.

ނިއުގެ ސިޓީގައި އަދި ބުނެފައި ވަނީ މުބާރާތެއްގެ ފައިނަލްމެޗަށް ތައްޔާރުވާން ޖެހޭވަރަށްވުރެ ދޯދިޔާކޮށް ދަނޑުގެ ސަލާމަތީ ކަންކަން ހުރުމުގެ ސަބަބުން މާރާމާރީ ހިންގުމަށް މަގުފަހިވެ ފުޓްބޯޅައިގެ ފޯރި ރާއްޖޭގައި ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރަން އެފްއޭއެމްއިން ފަސްޖެހިފައިވާތީ އެކަން ކުއްވެރިކުރާ ކަމަށެވެ.

"އެހެނީ ޝަރަފުވެރި މެހްމާން އިންނަވަނިކޮށް ރޮސްޓްރަމް ހުރަސްކޮށް ގޮސް އަނެއް ޓީމުގެ ސަޕޯޓަރުން ހަމަލާ ދިނުމަކީ މިހާރު ޢާއްމުކަމަކަށް ވެ އެތައް ބަޔަކަށް އަނިޔާ ވަމުންދާ އިރު މިކަން ހައްލު ކުރުމަށް މިހާތަނަށް ތިޔަ އިދާރާއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކޮށް ވަރަށް ހަރުކަށި ޢިބާރާތުން އެކަން ކުށް ވެރި ކުރަމެވެ. އެހެނީ އެފަދަ ހަމަލާ ތައް ތަކުރާރު ވުމަކީ ފުޓްބޯޅަބަލަން ދަނޑަށް ވަނުމަށް ސަޕޯޓަރުން ޖެހިލުންވާނެ ކަމެކެވެ." ނިއުގެ ސިޓީގައިވެ އެވެ.

ނިއުއިން ބުނެފައިވަނީ އެފްއޭމްގެ ބައެއް ނިންމުންތަކުގެ ސަބަބުން ބޯޅަ ކުޅުމަށްވުރެ ބޮޑަށް މާރާމާރީ ހިންގުމަށް މަގުފަހިވެ ދިވެހި ފުޓްބޯޅައިގެ މިސްރާބު ކަސިޔާރުވެ ފާލުން ނެއްޓިގެން ދިއުމަކީ އެ ކްލަބާއި އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށެވެ.

އަދި މީގެ ކުރިންވެސް ދަނޑުމަތީގައި ކުޅުންތެރިން ހިންގާފައިވާ ނޭދެވޭ އަމަލުތަކަށް ފަހުން އަދަބުދީ ފިޔަވަޅު އަޅާފައިވާތީ އެފްއޭ ކަޕް ފައިނަލްގައި ހިނގައިދިޔަ ކަންތައްތަކަށްވެސް ފިޔަވަޅު އަޅައިދިނުމަށް ނިއުއިން ވަނީ އެދިފަ އެވެ.

"ކުރިއަށް ހުރި މެޗްތަކުގައިވެސް މިކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި ބީ52 އެފްއޭ ކަޕް ފައިނަލް މެޗް ގައި އަނިޔާވެރި ގޮތަކަށް މިޓީމް ގެ ދެ ކު ޅުން ތެރިޔަކަށް ހަމާލާދީ ރެފްރީގެ ހިމާޔަތް ދަ ނޑުމަތީ ގައި ލިބުނު ކުޅުން ތެރިޔާ އާއި ދޭތެރޭ އިންސާފު ވެރިކޮށް ޢަމަލުކޮށް މުޅި މެޗް ގައި ރެފްރީ ހަދާފައިވާ ގޯސް ތަކަށް ވެސް ފިޔަވަޅު އެޅުމަކީ ދިވެހި ރާއްޖޭގެ ފުޓްބޯޅަ އާއިބެހޭ އެންމެހާ ކަމެއް ފީފާ ގެ ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓުން މަތި ކޮށް ފައިވާ ފަރާތުގެ މައްޗަށް ލާޒިމް ކަމެއް ކަމުގައި މިކްލަބުން ދެކެމެވެ." ނިއުއިން އެފްއޭއެމްގައި އެދިފައިވެ އެވެ.

ނިއުއިން އަދި ބުނެފައިވަނީ އެކްލަބުން އެފްއޭއެމްގައި އެދިފައިވާ ކަންކަން، ޒާތީ ތައައްސުބުން އެއްކިބާވެ ތިބެ، އިންސާފުވެރި ކަމާއެކު ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއަޅައި ދިނުމަށް އެދޭ ކަމަށެވެ.