މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހަތް މަގާމަށް ކުރިމަތިލި 42 މީހެއްގެ ނަމާއި ވަނަވަރާއި އެ ނޫން މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.


ރައީސް އޮފީހުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާން ކުރުމުން އެކަމަށް އެދި 33 ފިރިހެނުންނާއި 9 އަންހެނުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ ލިސްޓް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ، އެ މީހުން ކުރުމަތި ތަރުތީބުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.


ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ)ގައި ވަނީ، ކޮމިޝަނަށް މެންބަރުން ޢައްޔަންކުރަން ޖެހުމުން، ކޮންމެ ފަހަރަކު ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢްލާން ކުރުމަށް ފަހު، އެކަމަށް ކުރިމަތިލި ހުރިހާ މީހުންގެ ނަމާއި ވަނަވަރު، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވަންވާނެ ކަމަށެވެ. އަދި ކުރިމަތިލި މީހުންގެ ލިސްޓް ފޮނުވުމުގައި ކޮމިޝަނަށް ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދޭ ތަރުތީބުން ލިސްޓް އެކުލަވާލަންވާނެ ކަމަށެވެ. ކޮމިޝަނަށް ޢައްޔަންކުރާނީ، މަޖިލީހުން ފާސްކުރުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ނަމެއް ނުވަތަ ނަންތަކެވެ.