ރައްޖެޓީވީގައި ހުޅުޖެހި މައްސަލައިގެ މައުލޫމާތު ލިބިފައިވާ ފަރާތެއްވާނަމަ އެކަން ފުލުހުންނާ ހިއްސާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ރާއްޖެ ޓީވީއަށްދިން ހަމަލާގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސްސާވިސްގެ ނަމްބަރު 3322111 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރާއްޖެ ޓީވީގައި ހުޅުޖެހި މައްސަލައިގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖެ ޓީވީ އަށާއި ރާއްޖެ ޓީވީ ހިންގާ އިމާރާތަށް ރޭ ބަޔަކުދީފައި ވަނީ ދަށުދަރަޖައިގެ ހަމަލާއެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެ އަމަލު ހިންގި ބަޔަކު ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅުމަށް ފުލުހުން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްނުޖެހި ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރައްޔިތުންނަށް އަރުވާކަމަށް ވެސް ފުލުހުން ބުންޏެވެ.