07 Oct 2013, 10:12
ޤާހިރާ (އޮކްޓޯބަރ 7): މިސްރުގެ ވަގުތީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުން ގެންދިޔަ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކާއި މިސްރުގެ ސަލާމަތީ ބާރުތަކާދެ މެދު އިއްޔެއާއި ރޭގައި ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު51އަށް އަރައިފި އެވެ.
ޢަސްކަރީ އިންގިލާބެއްގައި މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ތާއީދުކުރާ އެތައް ހާސްބަޔަކާއިމިސްރުގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ހިނގާފައިމިވަނީ ޤާހިރާގެ ތަހްރީރު މައިދާނަށް އެއްވުމަށް އެމީހުން ކުރިމަސައްކަތަށް މިސްރުގެ ސަލާމަތީ ބާރުތަކުން ހުރަސް އެޅުމާގުޅިގެންނެވެ. ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށްފައިވަނީ ފުލުހުންގެ ލައިންތަކާއި މަގުހުރަސްތައް ފޫއަޅުވާލުމަށްފަހު ތަހްރީރު މައިދާނަށް ދިޔުމަށް އިޚްވާން ޖަމާއަތުގެ ސަޕޯޓަރުން މަސައްކަތްކުރުމުން އެމީހުން ހުއްޓުވުމުގެ ގޮތުން ކަމަށް އެ ބާރުތަކުން ބުނެއެވެ.
މުރުސީއަށާއި އިޚްވާން ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން މިސްރުގެ ވަގުތީ ސަރުކާރާ އަދި އަސްކަރީ އިންގިލާބާ ދެކޮޅަށް މުޒާހަރާކޮށް އިހްތިޖާޖްތައް ކުރަމުން ގެންދާތާވަނީ ދުވަސްތަކެއްވެފައެވެ. ސަލާމަތީ ބާރުތަކުން ކުރިންވަނީ ތަހްރީރު މައިދާނަށާއި ރާބިޢާ އަލްއަދަވިއްޔާ މައިދާނަށް އެއްވެ އެދެމައިދާން ހިސާރުކުރުމުގެ ފުރްސަތު މުރުސީއަށް ތާއީދުކުރާ ފަރާތްތަކަށް ނުދޭކަމަށް ބުނެ މަގުހުރަސްތައް ބަހައްޓައި އެދެމައިދާނަށް ދެވޭ ޤާހިރާގެ ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ.
އިއްޔެއާއި ރޭގެ ކުރިމަތިލުންތަކުގައި ސަލާމަތީ ބާރުތަކުންވަނީ އިޚްވާން ޖަމާއަތަށް ތާއީދުކުރާ 500 އަށްވުރެ ގިނަމީހުންވެސް ހައްޔަރުކޮށްފައެވެ. ގާހިރާގެ އިތުރުން މިސްރުގެ ޞައީދު ސަރަހައްދުގެ މިންޔާ ގަވަރނޭޓްގައިވެސް ސަލާމަތީ ބަރުތަކާއި މުރުސީގެ ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބަޔަކު މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
މިސްރުގެ އިޚްވާން ޖަމާއަތާއި ސިޔާސީ އެހެން ޕާޓީތަކުންވަނީ 1973 ގައި އިސްރާއީލާއި މިސްރާ ދެމެދު ހިނގި މަޝްހޫރު އޮކްޓޯބަރ ހަނގުރާމައިގާ މިސްރު ސިފައިން އިސްރާއީލުގެ މައްޗަށް ހޯދި ނަސްރަށް 40 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން އިއްޔެ މަގުތަކަށް އެއްވެ ގައުމީ ޝިޢާރުތައް އުފުލުމަށް ގޮވާލާފައެވެ. ނަމަވެސް މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން އޮކްޓޯބަރު ނަސްރު ފާހަގަކުރުމަށް ބޭއްވި ހިނގާލުންތައް ވަކި ހިސާބަކުންވަނީ އަސްކަރީ އިންގިލާބާ އިދިކޮޅު ވަރުގަދަ މުޒާހަރާތަކަކަށް ބަދަލުވެފައެވެ. އެމީހުން ގޮވާލަމުން ދިޔައީ މުރުސީ އަލުން އަނބުރައި ވެރިކަމަށް ރުޖޫއަ ކުރުމަށެވެ.
މުރުސީގެ ސަޕޯޓަރުންގެ މުޒާހަރާތައް ރޫޅާލުމަށް ބޭނުންކޮށްފައިވާނީ ލަޓިބުރިއާއި ކަރުނަގޭސް ކަމަށް ސަލާމަތީ ބާރުތަކުން ބުނެފައިވާއިރު އިޚްވާން ޖަމާއަތުންވަނީ މުޒާހަރާކުރިމީހުން މެރުމަށް ސަލާމަތީ ބާރުތަކުން އަސްލު ވަޒަންވެސް ބޭނުންކުރި ކަމަށް ބުނެފައެވެ. (އަލްޖަޒީރާ)