07 Oct 2013, 10:05
އިސްލާމް އާބާދު (އޮކްޓޯބަރ 7): އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރިޓަޔާ ކުރައްވައި މަގާމުން ދުރުވެ ވަޑައިގަންނަވާނެ ކަމަށާ ވަކި މީހަކަށް ވަކިގޮތެއް އޮވެގެން ނުވާނެ ކަމަށް ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އަދި އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް އަޝްފާގް ޕަރުވޭޒް ކިޔާނީ ވިދާޅުވެއްޖެ އެވެ.
ޖެނެރަލް ކިޔާނީ މިހެން ވިދާޅުވެފައިވަނީ ގާނޫނުގައި ވާގޮތުގެ މަތިން އޭނާ މަގާމުން ރިޓަޔާ ކުރަން ޖެހޭ ތާރީޚު ކަމަށްވާ އަންނަ ނޮވެމްބަރަށް ފަހު ވެސް އިތުރު ތިން އަހަރުގެ ދައުރަކަށް ސިފައިންގެ ޗީފް އޮފް ސްޓާފް ކަމުގައި އޭނާ ދެމިހުންނަވަން ގަސްދު ކުރައްވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި އޭނާ ނެރުއްވާފައިވާ ނޫސްބަޔާނެއްގަ އެވެ.
އެބަޔާނުގައި ޖެނެރަލް ކިޔާނީ ވިދާޅުވެފައި ވަނީ ޕާކިސްތާނުގެ މުއައްސަސާތަކާއި ގާނޫނުތަކާއި ގަވާއިދުތަކާ އަދި ޒަމާނުއްސުރެ އޮތް އާދަކާދަތަކުގެ ބާރު ވަކިވަކި ފަރުދުންނަށްވުރެ ގަދަވާން ޖެހޭނެ ކަމަށާ ފަރުދީ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްވާން ޖެހޭނެ ކަމުގަ އެވެ. އަދި ޕާކިސްތާނުގައި ހިނގަން ޖެހޭނީ ގާނޫނުގެ ބާރުކަމަށާ ކަންތައްތައް ވެސް ހިނގަން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށާ ގާނޫނުން ބޭރުގައި އެއްވެސް މީހަކަށް އުޅުމުގެ ފުރްސަތު ދެވިގެންނުވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. ޖެނެރަލް ކިޔާނީގެ ބަޔާނުގައި ޕާކިސްތާނަކީ ގާނޫނު ނަގަހައްޓާ ދެމެހެއްޓުމުގެ އިތުރުން ގާނޫނީ މުއައްސަތަކުގެ ހުކުމް ހިނގާ އަދި ހުރިހާ ރައްޔިތުންނަށް ޑިމޮކްރަސީގެ ހައްޤުތައް ލިބިފައިވާ، އަމްނު އަމާންކަން ގާއިމްވެފައިވާ ގައުމަކަށް ހަދަން ޖެހޭ ކަމަށާ އެ ފުރުސަތު ދެން ފާއިތުކޮށް ނުލެވޭނެކަން ވެސް ހާމަކުރައްވާފައިވެ އެވެ.
މީގެއިތުރުން ޑިމޮކްރަސީއާއި ހައްޤުތަކުގެ ނަމުގައި ޕާކިސްތާނުގެ އަމްނާއި ސަލާމަތާއި ސުލްހަ ނަގާލުމާއި ގާނޫނީ އިންތަކުން ބޭރުވުމުގެ ފުރްސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަން ވެސް އެބަޔާނުގައި ކަށަވަރުކޮށްދީފައިވެ އެވެ.
ޕާކިސްތާނުގެ ކުރީގެ ސިފައިންގެ ވެރިޔާ އަދި ކުރީގެ ރައީސް ޖެނެރަލް ޕަރުވޭޒް މުޝައްރަފް ދަސްތޫރާ ޚިލާފުވި މައްސަލާގައި ކޯޓުން އޭނާ ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީޢަތް ހިންގަން ފެށުމުން އެކަމާމެދު ޕާކިސްތާނުގެ އިސް ބައެއް ޖެނެރަލުން ހިތްހަމަނުޖެހިފައިވީ ނަމަވެސް ޖެނެރަލް ކިޔާނީގެ ފަރާތުން މުޝައްރަފަށް ހަމްދަރުދީ ވާކަމުގެ ނިޝާންތައް ނުފެންނަ ކަމަށް ނޫސް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)